ބަންޑާރަނައިބު އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުންދިނުމަށް ތާވަލުކޮށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން އެންމެ ފުރަތަމަ ނިންމީ އިއްޔެ ހެނދުނެވެ. އެކަމަކު މެންދުރުފަހު 1:30 ގައި ވަޒީރުންނަށް ރުހުންދިނުމަށް ވޯޓަށް އަހަން އޮތް ވަގުތު ސަރުކާރު މެންބަރުން ހުރަސް އެޅުމުން، ޖަލްސާ ކުރިއަށްދާ ގޮތެއް ނުވިއެވެ. އެހެންވެ ރޭ 8 ޖަހާއިރު ޖަލްސާ އަލުން ފެށި ނަމަވެސް ކުރިއަށް ނުދިޔައެވެ.

އެންމެ ފަހުން ވަޒީރުންނަށް ރުހުންދިނުން މިއަދު 1 ޖަހާއިރަށް ތާވަލުކޮށް، ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުންމާރީގެ އަޑާ އެކު މިއަދުގެ ޖަލްސާ ފެށި ނަމަވެސް، 15 މިނެޓެއްހާ އިރު ފަހުން އަމާންކަމާ އެކު ވޯޓުލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ޖަލްސާގައި ހައިދަރަށް ރުހުން ނުދޭން ނިންމި އިރު ފެންނަ ކަމަށް ލިބުނީ 24 ވޯތެވެ. ނުފެންނަ ކަމަށް 46 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ހައިދަރަށް ރުހުން ނުދިން ސީދާ ސަބަބު ސަރުކާރާ އިދިކޮޅު މެންބަރުން ހާމަ ކޮށްފައި ނުވާ އިރު، ހައިދަރު މަގާމާ ހަވާލުވެވަޑައިގަންތާ ކައިރީގައި ބޭއްވެވި ފުރަތަމަ ޕްރެސްކޮންފްރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުވާ އޭނާ ދެއްކެވި ވާހަކައިގެ ސަބަބުން ރުހުން ނުދޭނެ ކަމަށް އޭރުވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

އެ ޕްރެސްގައި ބޯހިޔާވަހިކަމާ ގުޅުވާ އޭނާ ވިދާޅުވީ، ކުރީ ސަރުކާރުން ހިނގަމުންދާ ޑރ. މުހައްމަދު މުއިއްޒަށް އިހުތިރާމެއް ނުކުރި ކަމަށާއި އެހެން ކަމުން އެ ސަރުކާރުން ހަދާފައި ވާ ބޯހިޔާވަހިކަމާ ގުޅޭ އެއްބަސްވުންތަކަށް މިސަރުކާރުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވި ވާހަކަ އަކީ، ވެރިކަން ބަދަލުވެ ހިނގަމުން ދިޔަ އިންތިގާލީ މަރުހަލާގައި ގޯއްޗާއި ފްލެޓް ދޫކުރުން މަޑުޖައްސާލުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް ގޮން ޖަހާ ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓްގެ އެގްރީމަންތްތައް ހަވާލު ކުރަމުން ގެންދިޔަ މައްސަލައަށެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހަޅާ ބަލަމުން ދާތީ، ގޯއްޗާއި ފްލެޓް ދޫކުރުން މިހާރު މަޑުޖެހިފައިވާ އިރު، އެއީ ހައިދަރަށް ރުހުން ނުދޭން ނިންމި ސަބަބެއް ކަމަށް ބެލެވިދާނެއެވެ.

މިއަދު ހައިދަރާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށް ވަނީ ރުހުން ލިބިފައެވެ.