ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އިންނަމާދޫ އުތުރުފަރާތުން ވެލިގަނޑު ގިރަމުން ދާ މައްސަލަ ބޮޑުވެފައިވާއިރު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެމްޓީސީސީ އިން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ގްރޮއިންގެ ޕްރޮފައިލިން މަސައްކަތްކަމަށެވެ.

ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށުން 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އިންނަމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށެވެ. އާބާދީގައި 900 މީހުން ދިރިއުޅޭ އިންނަމާދޫއަކީ، އޮޑިފަހަރު ބަނުމާއި ވަޑާންކުރުމުގެ ފަންނުގައި ފާހަގަކޮށްލެވޭ ރަށެކެވެ.