މިއަދު ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއަށް ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެންބަރުން ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގި މައްސަލައިގައި ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޕާޓީން ބުނީ، މިއަދު މަޖިލީހުގައި މާރާމާރީ ހިންގާފައި ވަނީ މަޖިލީހުގެ ރައީސް ހިތްވަރު ދެއްވައިގެން ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޕީޕީއެމް ޕީއެންސީ މިކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން އަތްލާ މާރާމާރީ ހިންގާ، އަދި މެންބަރެއްގެ ބޯ ފަޅާލާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

އެކަންކަން ހިނގަމުން ދިޔައިރު، އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަން ވެސް އެ ޕާޓީން ފާޙަގަ ކުރިއެވެ. އެހެންކަމުން މިކަމަކީ މަޖިލީހުގެ ރައީސް ހިތްވަރު ދެއްވައިގެން ކުރެއްވި ކަމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ލަމަށް ޕީޕީއެމުން ބުނެއެވެ. މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރާ އިރު، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި، ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ހަރު އަޑުން ގޮވާލާ ކަމަށް އެ ޕާޓީން ބުނެއެވެ.

އަދި މަޖިލީހުގައި ހިނގައި ދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން އެ ކޯލިޝަނުން ކުރަމުން ގެންދާ ކަމަށް ބުނެއެވެ.

އެގޮތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ 23 މެންބަރުންގެ ސޮޔާ އެކު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުން އަމަލު ކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ކަމާއި، ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް، އަސްލަމް އެ މާއްދާ އާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.