ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިންގެ ސްކީމްގެ 4000 ފްލެޓްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގޮތެއް ނިންމައި މި ހަފްތާތެރޭ އެކަން އިއުލާން ކުރާނެ ކަމަށް ބުނެފިއެވެ.
މި ސްކީމްގެ ދަށޫން ފްލެޓް ދޫކުރުމަށް ނިންމައި މިދިޔަ ސަރުކާރު ނިމުމާ ގާތަށް ގޮސްފައި ވަނިކޮށް ވަނީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްތެއް އާންމުކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް ފާޅުކޮށް އޭސީސީއަށް މައްސަލަ ހުށަހެޅުމުން ފްލެޓް ދިނުމާ ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ ކުރީ ސަރުކާރުން ހިންގި އެއްވެސް ޕްރޮޖެކްތެއް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށާއި ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުފުޅު ވެވަޑައިގެންފައެވެ.
ނަމަވެސް އެތައް މައްސަލަތަކެއް ހުރިކަން ފާހަގަ ކޮށް އޭސީސީން ހުއްޓުވަން އެދުނު ގެދޮރުވެރިންގެ ސްކީމްގެ ޕްރޮޖެކްޓާ މެދު މި ސަރުކާރުން އަދި ގޮތެއް ނުނިންމާ މަޑުކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭސީސީން ނިންމުމަށް އިހްތިރާމް ކުރުމަށް ކަމަށް ބުނެފައި ވެއެވެ.
4000 ފްލެޓު ދޫކުރުމުގެ މަސައްކަތްތައް ހުއްޓާލުމަށް އެންގި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީ ވަނީ ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމުގައި އޭސީސީން ބުނެފައި ވަނީ ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ އާންމުކުރި ފްލެޓްގެ ލިސްޓާ ގުޅިގެން 325 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގެދޮރުވެރިޔާ ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން ޕޮއިންޓް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމަށްވީ ނަމަވެސް، އޮޓޯއިން ލިބޭ ޕޮއިންޓަތައް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން ޕޮއިންޓް ބަދަލުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. އެގޮތުން ދަރިން ނެތް ކަމަށް ފޯމުގައި ޖަހާފައިވާ ފަރާތްތަކަށް، ދަރިން ތިބި ކަމަށް ޕޮއިންޓް ދީފައިވާ ކަމާއި، މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް މާލޭގައި ދިރިއުޅޭ ކަމަށް ކަނޑައަޅައި ޕޮއިންޓް ދީފައިވާކަން އޭސީސީއަށް ފާހަގަވެފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އޭސީސީއިން އިތުރަށް ބުނީ އެގޮތަށް ޕޮއިންޓްދީފައި ހުރުމުން ޕޮއިންޓް ބަދަލުކޮށްފައިވާކަން އެނގޭ ކަމަށެވެ.