ސަރުކާރުގެ ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީއިން ބުނެފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އައްޔަންކޮށްފައިވާ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ނަގާ ވޯޓު މިއަދު 13:30 ގައި ބާއްވަން ނިންމާފައިވާއިރު މިކަމާ ގުޅިގެން ވެރިކަން ކުރާ ޕްރޮގްރެސިވް ކޮލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ދައުލަތުގެ ވުޒާރަތައް ހުންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް އެކޯލިޝަނުން ޝައްކު ނުކުރާ ކަމަށާއި އެބޭފުޅުންނަށް މިކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޮލިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއް ކަމަށާއި، އެމަނިކުފާނުގެ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ވެސް އެކޮލިޝަނުން ވަނީ ބުނެފައެވެ.