ހދ. ހަނިމާދޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގެއެއް ބަލާފާސްކޮށް ދެމީހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ހދ. ހަނިމަދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކު 5 ދުވަހަށް އަދި އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.