ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ 154 މަރުކަޒު ގާއިމުކުރުމުގެ ބޮޑު މަޝްރޫއަކީ އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރެއްވުމުގެ ގޮތުން ފައްޓަވާފައިވާ ޕްރޮގްރާމުގެ ތެރެއިން މިއަދު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވާ އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޮދާން ޕޮލިސް ކޮމާންޑަރުގެ އިތުރުން އަތޮޅު ކޮމާންޑަރާ ކާށިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ހާއްސަ ހުނަރުތަކެއް ބޭނުންވާ ތަފާތު ޕްރޮފެޝަނެއް ކަމަށާއި، ވޭތުވެދިޔަ 30 ހަކަށް އަހަރު ދުވަހު ކައުންސިލް އިދާރާތަކާއި އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެގޮތުން ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފައްޓަވާފައިވާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫއަށް ޓަކައި ރައީސް މުއިއްޒުއަށް ކޮމިޝަނަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން ކާށިދޫގައި ވެސް ލެވެލް 2 ގެ ދެބުރި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ކަނޑައެޅި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާ ކޮމިޝަނަރު ވިދާޅުވީ އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށް ޓަކައި ކޮންޓްރެކްޓަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލުހުންގެ އަސާސީ މަސްއޫލިއްޔަތުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވަނީ ޖިނާއީ ތަހުގީގުތަކާއި އޮޕަރޭޝަނަލް މަސައްކަތްތަކަށް އިސްކަންދިނުމުގެ ސިޔާސަތެއް މުއައްސަސާގެ ތެރޭގައި ގާއިމުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

ތަހުގީގު މަސައްކަތްތަކާ ދުރުހެލިވާން ބައެއް މުވައްޒަފުން މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މުއައްސަސާއިން އިންވެސްޓިގޭޓިން އޮފިސަރުންނަށާއި އޮޕަރޭޝަންސްގައި ސީދާ ހަރަކާތްތެރިވާ ފުލުހުންނަށް އިސްކަންދީ އެމަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއަޅުއްވާނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވިއެވެ.

ކާށިދޫގެ ކުށުގެ ހާލަތަށް ބައްލަވަމުން ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ތަހުގީގުކުރެވުނު މައްސަލަތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެގޮތުން އެ މުއްދަތުގައި ހުށަހެޅުނު 21 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާތީ އެއީ އިންވެސްޓިގޭޓިން އޮފިސަރުންގެ ހުނަރާއި ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ އަހުލާގާއި ޑިސިޕްލިން އަދި ޔުނިފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި ރަށުތެރޭގައި ހިދުމަތް ދިނުމުގައި އަމިއްލަ އިސްނެގުމާއެކު ޒިންމާދާރުކަން ކުރިއަށް ނެރުމަށް ހުރިހާ މުވައްޒަފުންނަށް ކޮމިޝަނަރު ވަނީ ގޮވާލައްވާފައެވެ.