ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް / ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އަށެވެ. ޕީޕީއެމް އިން ބުނީ މި އިންތިހާބުގައި 227 ވޯޓު ފޮށި ބަހައްޓާފައިވާކަމަށާ، އިންތިހާބުގައި 73 ދާއިރާއެއްގެ ޕްރައިމަރީ ގެ ވޯޓުލުން ކުރިއަށް ދާނެކަމަށެވެ.

މި އިންތިހާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރާއިރު ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިހާބުގައި، މާލޭގައި އަތޮޅުތަކުގެ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ. އަދި މާލެ ސަރަހައްދުގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގެ އިތުރުން، ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީތައް ޕާޓީއަށް އެކަށީގެންވާ ހިދުމަތެއްކޮށްފައި ނުވާކަމަށް ބުނެ ބާތިލުކުރުމާ ގުޅިގެން ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އަދި އެ މައްސަލަ ބޮޑުވުމުން ކޯލިޝަން ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯމު ހުށަހެޅުއްވި ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެއްވޭނެކަން އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް ޕާޓީގެ ލީޑާސިޕުން ފުރަތަމަ ނިންމި ނިންމުމާ ގުޅިގެން ކެންޑިޑެސީ ބަލައިނުގަތް ބައެއް ކެންޑިޑޭޓުން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމާ ނަން އަބުރާ ގެންގޮސްފައެވެ.