ގާޒާގައި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް ކަމަށް ބެލެވޭނެ ޖާގަ އޮތް ކަމަށާއި ނަސްލު ނައްތާލުމުގެ އެ ނުބައި ޖަރީމާ ހުއްޓާލުމަށް އދ ގެ ބައިނަލްއަގުވާމީ ކޯޓުން އިޒްރޭލުގެ މައްޗަށް އަމުރު ކުރުމާއެކު އެމެރިކާގައި ބައިޑަން އާ ދެކޮޅަށް ދައުވާއެއް އުފުލައިފިއެވެ.
އެމެރިކާގެ ކެލިފޯނިއާގެ މަދަނީ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި ބުނެފައި ވަނީ އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އުދުވާނަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިސް އޮފިޝަލުން މަދަދު ދޭ ކަމަށާއި އެކަން ވަގުތުން ހުއްޓުވައި ދިނުމަށެވެ.
އެ ދައުވާގައި ހިމަނާފައި ވަނީ ބައިޑަންގެ އިތުރުން ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާއި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވާ އިރު، ދައުވާގައި ބުނެފައި ވަނީ، އިޒްރޭލު ސަރުކާރުން ހިންގާ ގަތުލުއާންމު ހުއްޓުވުމުގައި އެމެރިކާގެ ވެރިން ނުކުޅެދިފައި ވާ ކަމަށާއި ނުވަތަ އެކަމަށް ހިތްވަރުދޭ ކަމަށެވެ.
އެމެރިކާގެ އާންމު ޖަމާއަތެއް ކަމަށް ވާ "ސެންޓާ ފޮ ކޮންސްޓިޓިއުޝަނަލް ރައިޓްސް (ސީސީއާރު)" އިން މި މައްސަލަ ހުށަހެޅީ އިންސާނީ ހައްގުތަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ފަލަސްތީންގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއްގެ ފަރާތުންނެވެ.
ހުކުރު ދުވަހު އަޑުއެހުންތައް ފަށާފައި ވާއިރު، އާންމު ރައްޔިތުންނާއި ގާޒާގައި ތިބި ޑޮކްޓަރުންގެ ބަސް ކޯޓުން ހޯދާފައި ވެއެވެ.
އޮކްޓޯބަރު 7، 2023 ގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް އިޒްރޭލުން ވަނީ ފަލަސްތީނުން 26،000 މީހުން ޝަހީދު ކޮށްލައި 60،000 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ގާޒާ އެކީއެކަށް ބިމާ ހަމަކޮށް އާންމުން ގެދޮރުން ނެރެ ވަކި ވަކި ތަންތަނަށް ދާން އެންގުމަށް ފަހު އެތަންތަނަށް ބޮމާއި މިސައިލް ހަމަލާދެމުން ދާ އިރު ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދު ވަމުންނެވެ. އަދި އަމާން ދިދަ ނަގައިގެން ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ ފައިމަގުގައި ދާ މީހުންގެ ގަޔަށް ބަޑިޖަހާ މަރަމުން ގެންދާ އިރު، މަގުމަތިން އެއްވެސް ހަރަކާތެއް ފެނިއްޖެ ނަމަ ޑްރޯން ބޭނުން ކޮށްގެން ވެސް ދަނީ ހަމަލާ ދެމުންނެވެ. އިޒްރޭލުގެ ނިންމުމަކީ "އެނީތިން ދެޓް މޫވްސް ކިލް" [ހަރަކާތް ކުރާ ކޮންމެ އެއްޗެއް މެރުން] އެވެ.
އެމެރިކާގެ ވެރިންނަކީ އިޒްރޭލަށް ހިފެހެއްޓުމެއް ނެތި މަދަދު ދެއްވާ ބޭފުޅުންގެ އިތުރުން މިހަނގުރާމައަށް އިޒްރޭލަށް ބޭނުންވާ ހަތިޔާރުވެސް ފޯރުކޮށްދެނީ އެމެރިކާއިންނެވެ. އަދި އެމެރިކާގެ ސިފައިން އިޒްރޭލު ސިފައިންނާއެކު ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން ދައުވާގައި ގޮވާލަނީ އެ 3 ވެރިން އެމެރިކާގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އިޒްރޭލުގެ މައްޗަށް ނުފޫޒު ބޭނުން ކޮށް އިޒްރޭލުގެ އުދުވާން ހުއްޓުވައިދުނުމަށް ވެސް ދައުވާ ކުރި ފަރާތްތަކުން ގޮވާލާފައި ވެއެވެ.
އިޒްރޭލުން ގާޒާގައި ހުންގާ ޖަރީމާތައް ހުއްޓުވައި ދިނުމަށް ދެކުނު އެފްރިކާއިން އދ ގެ ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ ހުކުމް އިއްވާފައި ވާ އިރު، ހުކުމުގައި ވަނީ އިޒްރޭލުން ގާޒާގައި "ނަސްލު ނައްތާލުމަށް" މަގުފަހިވާ ހުރިހާ ޖަރީމާއެއް ހުއްޓާލުމަށެވެ.
މި ހުކުމަށް އިޒްރޭލުން ފާޑުކިޔާފައި ވާ އިރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ، ހުކުމުގައި 'ނަސްލުނައްތާލުން' އެބަސް ބޭނުން ކުރުމަކީ ގޯހެއް ކަމަށާއި އެއީ ވަކިފަރާތަށް ޖެހިފައި އޮތް ހުކުމެއްގެ އިތުރުން އެ ހުކުމް ބަލައިނުގަންނަ ކަމަށެވެ.
އެ ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިޒްރޭލުގެ ސިޔާސީ މުޝީރުން ބުނެފައި ވަނީ، އިޒްރޭލުން އަމަލު ކުރަމުން ދަނީ އެ ހުކުމުގައި ވެސް އެދިފައި ވާ ގޮތަށް އާންމުނަށް ވިހާވެސް ގެއްލުން ކުޑަވާނެ ގޮތަށް ކަމަށާއި، ހަނގުރާމައިގެ ޖަރީމާއަކަށް ވާނެ އެއްވެސް ކަމެއް ނުހިންގާ ކަމަށެވެ. އަދި ހަނގުރާމައެއް ވީމައި އާންމުންވެސް ކޮންމެވެސް ވަރަކަށް މަރުވާނެ ކަމަށާއި، ނަމަވެސް ރައްކާތެރި ސަރަހައްދުތަކަށް ދާން ވަގުތު ދިނުމުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިގެން އެހީވެސް ގާޒާއަށް ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ. އެހެން ކަމުން އެ ހުކުމަކީ އިޒްރޭލަށް ފަހިކޮށް އޮތް ހުކުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.