ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސޯދީ އެޑްވައިޒަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު، އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އަށް ލަފާދޭ ހާއްސަ އެޑްވައިޒަރު ކަމަށް އައްޔަނުކުރައްވައިފިއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ހާއްސަ އެޑްވައިޒަރުކަމަށް ޖަނާހު އައްޔަނުކުރައްވާފައި ވަނީ އިއްޔެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޖަނާހު ވިދާޅުވީ، އެއީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، ބައިނަލްއަގުވާމީ ގައުމުތަކުގެ ފަތުރުވެރިކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މިއީ ޔޫއެންޑަބްލިއުޓީއޯގެ ހާއްސަ އެޑްވައިޒަރުކަމުގެ މަގާމު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެ މަގާމަށް އައްޔަނުކުރެއްވިކަން ޖަނާހު ހާމަކުރައްވާފައި ވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި މިހާރު ކުރިއަށްދާ ފިތޫރު ފެއާގައެވެ. މި ފެއާ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މިހާރު ރައީސްގެ އިގްތިސޯދީ އެޑްވައިޒަރުގެ މަގާމު ފުރުއްވަވާ ޖަނާހަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ޖަމިއްޔާ މަސީގެ ވެސް ރައީސެވެ.