ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ފެށި ހަނގުރާމައަށް 2 އަހަރު ވާން ދާ އިރު، އެއްވެސް ބަޔަކަށް ކާމިޔާބު އަދި ކާމިޔާބެއް ނުލިބެއެވެ.

ކޮންމެ ދުވަހަކު އެތައް ހާސް ހަތިޔާރެއް ދެފަރާތުން އަންދަމުން ގެންދާ އިރު، ބޮޑެތި އެތައް ގެއްލުންތަކެއް ދެފަރާތަށް ވެސް ދަނީ ލިބެމުންނެވެ.

ޔޫކްރައިން އިން ރަޝިއާގެ ބާރުގެ ދަށުގައި ހުރި އިސްތިރާޖީ ބައެއް ތަންތަނަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދެމުން ގެންދާ އިރު ރަޝިއާއިން ދަނީ މިސައިލާއިން ޑްރޯން ހަމަލާތައް ދީ ޔޫކްރައިންގެ އެތެރޭގެ އިސްތިރާޖީ ތަންތަން ހަލާކު ކޮށްލަމުންނެވެ.

ހަނގުރާމައިގެ އެންމެ މުހިންމު އެކައްޗަކީ ހަތިޔާރު ކަމަށް ވާއިރު، ޔޫކްރައިން އިން ހަރިޔާރު ހުސްވާތީ އެގައުމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ހަނގުރާމަ އަކީ ޔޫކްރައިން އަށް ހުޅަނގުން މަދަދު ދޭ ހަނގުރާމައެއް ކަމަށް ވާއިރު މިހާރު ނޭޓޯގެ ގައުމުތަކުން އެއްބަސްވެފައި ވަނީ ޔޫކްރައިން އިން ހުސްނުވާ ވަރަށް ހަތިޔާރު ފޯރުކޮށްދިނުމަށެވެ. އެގޮތުން 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގައި ސޮއިކޮށް ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނޭޓޯގެ ގައުމުތަކުން ވަނީ އަތުކުރި އޮޅާލާފައެވެ.

މި އެއްބަސްވުމާއެކު ނޭޓޯ އިން ބުނީ، ޔޫކްރައިން ހަނގުރާމަ އަކީ 'ހަތިޔާރުގެ ރޭހެއް' ކަމަށާއި އެއްބަސްވުމާއެކު ޔޫކްރައިން އަށް ބޭނުންވާ މިންވަރަށް ހަތިޔާރު ފޯރުކޮށް ދިނުމަށް އެކިއެކި ކުންފުނިތަކާ އެކު އެއްބަސްވެވޭނެ ކަމަށެވެ. އެގޮތުން މިހާރު ވަނީ ޔޫކްރައިން އަށް 155 މިލިމީޓަރުގެ 220،000 ޝެލް (އުންޑަ) ފޯރުކޮށްދޭން ފްރާންސުގެ ކުންފުންޏަކާއި ޖަރުމަނުގެ ކުންފުންޏަކާ ހަވާލު ކޮށްފައެވެ. މިއީ ކޮންމެ ދުވަހަކު ޔޫކްރައިން އިން ރަޝިއާ އާ ދެކޮޅަށް ފޮނުވާލައި 4000 އާއި 7000 އާ ދެމެދުގެ އާޓިލަރީ ޝެލްގެ އިތުރުން އެންމެ ގިނައިން ބޭނުންވާ އުންޑައެވެ. ޔޫކްރައިން އިން ކޮންމެ ދުވަހަކު ފޮނުވާލާ އުންޑައިގެ އަދަދު 7000 އާ ގާތް ކުރާ އިރު ރަޝިއާއިން ކޮންމެ ދުވަހަކު 20،000 އާ ގާތް ކުރާ އަދަދަކަށް އާޓިލަރީ ޝެލް (އުންޑަ) ޔޫކްރައިންގެ މަގާމުތަކަށް އަމާޒު ކުރެއެވެ. އަދި ދެގައުމުން ކުރެ ކޮންމެ ގައުމަކުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ޑްރޯން ހަމަލާއެއް ދެމުން ގެންދާ އިރު މިސައިލު ހަމަލާތައް ވެސް ދަނީ ގިނަ ކުރަމުންނެވެ.

އޮފިޝަލުން ބުނާ ގޮތުގައި ރަޝިއާ އަތުގައި ހުރި އަދަދާ ގާތަށް ވެސް ޔޫކްރައިން ގައި ހަތިޔާރު ނެތް އިރު ރަޝިއާއިން، ހުސްވި ޑިސެމްބަރު 29 އިން މި ހިނގާ ޖެނުއަރީ 2 އާ ހަމައަށް ކޮންމެ ދުވަހަކު 500 އެއްހާ ޑްރޯން އާއި މިސައިލް ހަމަލާ ޔޫކްރައިން އަށް ވަނީ އަމާޒު ކޮށްފައެވެ.

ރަޝިއާގެ ހަމަލާތަކުގެ މުގާބިލުގައި ޔޫކްރައިން އިން މިހާރު އަމާޒު ހިފާފައި ވަނީ މި ހިނގާ 2024 އަހަރު 1 މިލިއަން ޑްރޯން އަމިއްލަ ރަށުގައި އުފެއްދުމަށެވެ.

މި ހަނގުރާމައިގައި ރަޝިއާއިން އެންމެ ފަހުން ވަރުގަދަ ހަމަލާއެއް ދީފައި ވަނީ އިއްޔެއެވެ. އެހަމަލާގައި 40 ބެލެސްޓިކް މިސައިލް ޔޫކްރައިންގެ މަގާމުތަކަށް ފޮނުވާލި އިރު 7 މީހަކު މަރުވެ އުމްރާނީ އެތައް ވަސީލަތްތަކެއް ހަލާކުވެ 30 އިމާރާތަކަށް ގެއްލުން ވި ކަމަށް ޔޫކްރައިންގެ އޮފިޝަލުން ބުނެއެވެ.

އދ ގެ ހިސާބުތައް ދައްކާ ގޮތުން ފެންރުއަރީ 7، 2022 ގައި ރަޝިއާއިން ހަމަލާތައް ފެށިފަހުން މިހާތަނަށް ޔޫކްރައިން އިން 10،000 މީހުން މަރުވެ 20،000 އާންމުން ވަނީ ޒަހަމްވެފައެވެ.