ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހަނެކެވެ.

މި އެކްސިޑެންޓުގައި އޭނާއަށް ލިބުނު އަނިޔާތަަކަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ޒުވާނާ ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:15 ގައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކުގެ ބޮޑުފަންނު މަގުގައި ކަމަށާއި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބުނީ 22:15 ހާއިރުކަމަށެވެ. އަދި މިކަން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.