މާލެ ސިޓީ ކައުންސިލުގެ ހިދުމަތް ފުޅާކޮށް، އެ ކައުންސިލަކީ އާދޭސްނުކޮށް ފަސޭހައިން ހިދުމަތް ލިބޭ ތަނަކަށް ހައްދަވާނެކަމަށް ރޭ މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާކުރެއްވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމުގެ ހުވާކުރައްވައި، އާދަމް އާޒިމް އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ އަމާޒަކީ މާލެސިޓީ ކައުންސިލަކީ ވަލު ދޮރާށިން ވަދެގެން ހިދުމަތް ހޯދާތަނެއްގެ ގޮތުގައި ސިފަކުރުން ނިމުމަކަށް ގެނައުން ކަމަށެވެ. މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މަސައްކަތް ކުރައްވާނީ ސަރުކާރާ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މަގާމުގެ އިހުތިސާސްގެ ތެރެއިން ދެވެން އޮތް އެއްބާރުލުން ދެއްވައިގެން ކަމުގައި އާދަމް އާޒިމް ވިދާޅުވިއެވެ.

އެންމެންނާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު އަބަދުވެސް އޮންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހަ އާއި ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި އެންމެ ކުރީގައި ހުންނަވާ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ ކައުންސިލްތަކުގައި ޕާޓީތައް ތަމްސީލްކުރާ ގޮތަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގޮންޖެހުމަކަށް ވާނެ ކަަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ކައުންސިލުން ކޮންމެ ގޮތަކަށް އޮތަސް މޭޔަރުގެ ހައިސިއްޔަތުން ހުށަހަޅާ ކަންކަމަކީ ރައްޔިތުންނަށް ބޭނުންވާނެ، ފައިދާވާނެ ކަންކަން ކަމަށް ހައްދަވާނެކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. އިތުރަށް އާދަމް އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތަރުތީބުވެފައި ވަނީ މައި ސަރުކާރުގެ މަދަދާ، އެއްބާރުލުމާ އަދި އެހީތެރިކަން ލިބިގެން ހިނގާ ނިޒާމެއްގެ ގޮތުގައިކަމަށެވެ.