މާލޭގެ މޭޔަރުކަމުގެ ހުވާކުރައްވައި، އާދަމް އާޒިމް އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

އާޒިމް ހުވާކުރެއްވީ މިރޭ ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައީސް އަދި މާލޭގެ ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައިއިލެކްޝަންގައި ވާދަކުރައްވައި އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބުކުރެއްވީ އިންތިހާބުގައި ވޯޓުދިން 17،410 މީހުންގެ ތެރެއިން 7،621 ވޯޓު ހޯއްދަވައިގެންނެވެ

އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށިތައް ގުނައި އާންމުކުރި ރަސްމީ ނަތީޖާ އިން ދައްކާ ގޮތުން:

  1. ޝުއައިބު އަލީ (އަމިއްލަ): ލިބިވަޑައިގަތީ 125 ވޯޓު
  2. ހުސައިން ވަހީދު (އަމިއްލަ): ލިބިވަޑައިގަތީ 1،888 ވޯޓު
  3. އައިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ): ލިބިވަޑައިގަތީ 5،031 ވޯޓު
  4. އާދަމް އާޒިމް (އެމްޑީޕީ): ލިބިވަޑައިގަތީ 7،621 ވޯޓު
  5. މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް): ލިބިވަޑައިގަތީ 2،343 ވޯޓު

އާޒިމްގެ އިތުރުން، ހެންވޭރު ދެކުނު ދާއިރާގެ އާ ކައުންސިލަރު އާމިނަތު ރިޝްފާ އަހްމަދާއި މެދުހެންވޭރު ދާއިރާގެ އާ ކައުންސިލަރު އަހްމަދު ރިޝްވާން ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ އާ ކައުންސިލަރު ހަސަން ނިޒާމް ވެސް ވަނީ މަގާމުތަކުގެ ހުވާކުރައްވައި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

އާޒިމް މޭޔަރު ކަމުގެ ހުވާ ކުރައްވަނީ

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ ޓިކެޓުގައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ރިޝްވާން ވަނީ، ހުވާކުރުމުގެ ރަސްމިއްޔާތު ފެށުމުގެ ވަގުތުކޮޅެއް ކުރިން، އެމްޑީޕީ ދޫކުރައްވައި ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އޭރު މޭޔަރުކަން ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި މޭޔަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އިސްތިއުފާދެއްވީ ރައީސް އޮފީހުގެ ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައެވެ.

އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އިސްތިއުފާދެއްވީ ރައީސްގެ ރަސްމީ ގެކޮޅުގެ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްޓަކައެވެ.