ހުޅުމާލޭގައި އާ ސްކޫލެއް ތަރައްގީ ކުރުމަށް ނިންމާ، ހައުސިންގް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އަލަށް ގާއިމް ކުރާ މި ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއާ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ތަރައްގީ ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. މި ސްކޫލް ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ މިސްކިތާ ގުޅިގެންދާ ގޮތަށެވެ.

ހުޅުމާލޭގައި އަލަށް ގާއިމް ކުރާ މި ސްކޫލުގައި ޕްރީސްކޫލްގެ ދަރިވަރުންނާއި ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވާދޭނެއެވެ. އަދި ހަމައެހެންމެ މި ސްކޫލް ތަރައްގީ ކުރަނީ މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށެވެ.

ހުޅުމާލޭގައި އާ ސްކޫލެއް ގާއިމް ކުރަނީ

މި ސްކޫލު ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެންދާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަންއެވެ.