މޯލްޑިވް ގޭސް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އޭސީސީއިން ބުނީ އެ ކޮމިޝަނުން އިސްނަގައިގެން ބެލި އެ މައްސަލާގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 ރުފިޔާ ނަގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

އޭސީސީއިން ވަނީ ޖުމްލަ 7 ދައުވާއެއް ކުރުމަށް ޕީޖީއަށް ހުށަހަޅުއްވާފައެވެ. އެއީ:

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން:

  • ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ.
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން:

  • ކުށެއްކުރަން އުޅުމުގެ ކުށުގެ ދައުވާ.
  • ކުށެއް ކުރަން އެދުމުގެ ދައުވާ.
  • ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ.
  • ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ.
  • ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ.

އޭސީސީއިން އިތުރަށް ބުނީ އެ މައްސަލައިގައި ހިމެނޭ 3,106,189.38 ރުފިޔާ އަންބުރާ ހޯދުމަށް ނިންމާފައިވާ ކަމަށެވެ.