ބައިލައްކަ މީހުންގެ އާބާދީ އެއް މަދުވެގެން އޮންނަ ގޮތަށް، އަތޮޅު ތެރޭގައި އާބަން ރީޖަންތައް ކަނޑައެޅުމަށްޓަކައި ތަފްސީލީ ދިރާސާއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އަތޮޅުތަކުގައި ތަރައްގީގެ ސަރަހައްދުތައް ކަނޑައެޅުމަށާއި އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި އެކަމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ތަފްސީލީ ދިރާސާ އެއް ކުރަން ނިންމާފައިވާ ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ކުދި ރަށްރަށުގައި ދިރިއުޅޭ މީހުން އެހެން ރަށްރަށަށް ހިޖުރަކުރަން ދައްޗެވެ. އެހެންވެ، ސަރުކާރުން ދިރާސާ އެއް ކުރަން ނިންމީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
އެގޮތުން އާބަން ޑިވެލޮޕްމެންޓް ރީޖަންގެ ގޮތުގައި ތަރައްގީކުރާނެ ސަރަހައްދުތައް ހިމެނޭނެ ރަށްރަށާއި އަތޮޅުތައް ފާހަގަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، މި ރީޖަންތައް އުފެދިގެން ދާނީ އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރެވޭ އާބަން ސެންޓަރުތަކުގެ މައްޗަށް ކަމަށެވެ.
އާބަން ރީޖަންތަކެއްގެ ގޮތުގައި ކަނޑައެޅޭނީ ނާޒިމް ވިދާޅުވި ގޮތުން ނަމަ އެ ސަރަހައްދެއްގައި ހިމެނޭ ރަށްތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ ބައިލައްކަ އަށް ވުރެ ދަށްނުވާނެ ފަދަ ގޮތަކަށް ބަލައިގަތުމުގެ އިތުރުން، ކުރިއަށް އޮތް 10 އަހަރުގެ ތެރޭ އާބަން ރީޖަނެއްގެ އާބާދީ ލައްކައަކަށް އިތުރުކުރުމަށް ސިޔާސަތުތައް އެކަށައަޅައިގެންނެވެ.
މި ސިޔާސަތުތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކުން ނަފާ ހޯދޭނެ ގޮތްތައް ހިމެނޭ ކަމަށް، ތެލާއި ކާބޯތަކެތި ރައްކާކުރާނެ ވަސީލަތްތައް ގާއިމްކުރުމަށް މުހިންމުކަން ދިނުން މިސާލެއްގެ ގޮތުގައި ނަންގަވައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އާބަން ސެންޓަރުތަކުގެ ސިފަތަކާއި އާބަން ސެންޓަރުތައް ދަރަޖަކުރެވޭނެ ގޮތްތަކާ މެދު ވެސް ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރެއްވި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ. އެގޮތުން މުސްތަގުބަލުގައި އިތުރަށް ތަރައްގީކުރެވޭނެ ތަންތަން ބަލައި އެ ތަންތަނަށް އިސްކަން ދެވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.