ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ދިވެހީންގެ އަސްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
"ތުއްތު ކަމަނަ ސިލްސިލާ" ގެ ނަމުގައި އަމިއްލަ ފަރާތަކުން ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާ އިފްތިތާހުކޮށް ދެއްވުމަށް ބޭއްވި ހަފްލާގައި އާދަމް ނަސީރު ވިދާޅުވީ ބައެއްގެ އަސްލުތައް ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ސަލާމަތް ކުރަންޖެހެނީ އެބައެއްގެ ބަސް ކަމަށެވެ. ދިވެހީން ދިވެހިބަހުން ރަނގަޅަށް މުއާމަލާތްކޮށް އުޅުނުއިރު ދިވެހީން އުފެއްދި އުފެއްދުންތައް މާ މޮޅުވެފައި ފުރިހަމަކަން އާދަމް ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.
"އެހާރުގެ ދިވެހީންގެ އޮޑިދޯނިފަހަރާއި އޭރުގެ ދިވެހީން ބިނާކުރި މިސްކިތްތަކުން ދިވެހިވަންތަކަން ފެންނަން ހުންނާނެ. އެއީ ދިވެހީންނަށް ދިވެހީންގެ އަމިއްލަ އަގު ވިސްނިފައި އޮތުމުގެ ސާފު ނަތީޖާ. އެއީ ދިވެހީން ދިވެހިބަހުން ވިސްނިއިރު ކުރެވިފައި ހުރި މަސައްކަތްތައް. އޭރު ދިވެހި ވެށިން ލިބެންހުރިި ވަސީލަތްތަކުން ދިވެހީންގެ ކަންކަން ފުއްދަމުން ދިޔަ " މިނިސްޓަރު ވިދާޅުވިއެވެ.
ތުއްތު ކަމަނާ ސިލްސިލާގެ މަސައްކަތަަށް އިޝާރަތްކުރައްވަމުން އާދަމް ނަސީރު ވިދާޅުވީ މިއީ ކިތަންމެ ކުޑަކޮށް ފެންނަން އޮތް މަސައްކަތެއް ނަމަވެސް ގައުމީ ނިސްބަތުގައި މިއީ ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިވާ އެހެން ފަރާތްތަކުންވެސް މިކަހަލަ ކަންކަމުން ހިތްވަރު ހޯއްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންފައެވެ.
މީގެއިތުރުން އާދަމް ނަސީރު ވަނީ މިފަދަ މަސައްކަތްތަކަށް ދިވެހ ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ތެރެއިން މިހާރަށްވުރެވެސް ބޮޑަށް ތަރުޙީބު ދެވޭނޭ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.
'ތުއްތު ކަމަނަ' އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިންތުއްތު ކަމަނާ އަކީ ޝިމްލާ އަހްމަދުގެ އިސްނެންގެވުމާއެކު، ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސުމާއި އަދި ދިވެހިބަހަކީ އެކުދިން ޝައުޤުވެރިވާ ބަހެއްގެ ގޮތުގައި ހެދުމުގެ އިތުރުން ތުއްތު ކުދިންނަށް އިންޓާނެޓްގެ ޒަރިއްޔާއިން ފަސޭހަކަމާއެކު ދިވެހިބަސް ދަސްކޮށްދިނުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ވީޑިއޯ ސިލްސިލާގެ ފުރަތަމަ ބައެވެ.
މީގެ ކުރިންވެސް ކުޑަކުދިންނާ ގުޅޭ ގިނަ ފޮތްތަކެއް ލިޔެފައިވާ، އަދި 2004 ވަނަ އަހަރު ސަރުކާރުން ގަބޫލު ކުރާ ފެންވަރަށް ކުޑަކުދިންގެ ފޮތް ތައްޔާރުކުރާ ފަރާތްތަކަށް ދެއްވާ ހައްސަ އިނާމް ހޯދާފައިވަ ޝިމްލާ ވިދާޅުވީ މި ސިލްސިލާގެ ދެވަނަ ބައެއް މި އަހަރު ނިމުމުގެ ކުރިން ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.