އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރޭ އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ހުޅުމާލޭގައި 'ހިޔަލަ ވީކެންޑް މާރުކޭޓް'ގެ ނަމުގައި ތަނެއް ހުޅުވުމަށް ބޭއްވި ހަފްލާގައި އައިޝަތު ޝިހާމް ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށާއި އަދި ހަމައެއާއެކު ކުދި ވިޔަފާރިތަކަށް، ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ލޯނެއް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

ކޮންމެ އަންހެނަކީ ވެސް ފުދުންތެރި އަންހެނަކަށްވުމުގެ މުހިންމުކަން ފާހަގަކުރައްވައި އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ވެސް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އެއީ އަންހެނުން ފުދުންތެރި ކުރުވަން ޖެހޭކަން ސަރުކާރުން ގަބޫލުކުރާ ސަބަބުކަމަށް ވެސް އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިރޭ އަންހެން މަސައްކަތްތެރިންނަށް ހާއްސަކޮށް ހުޅުވި މާރުކޭޓާ ގުޅޭ ގޮތުން އައިޝަތު ޝިހާމް ވިދާޅުވީ މި މާރުކޭޓުގެ ސަބަބުން ތަނަވަސްވެގެން މި ދިޔައީ، ދިވެހި އަންހެނުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރު މަގެއް ކަމަށެވެ.

މި މާރުކޭޓްގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް ކަން ހާމަކުރައްވަމުން އައިޝަތު ޝިހާމް ވިދާޅުވީ މިއީ ދިވެހި އަންހެނުން ގޭގައި ތިބެ ތައްޔާރުކުރާ ތަކެތި ވިއްކުމަށް ޓަކައި ތައްޔާރުކޮށްފައިވާ ހާއްސަ ސަރަހައްދެއްކަމުން، މި ތަންތަނުން ޖާގަ ދޫކުރަނީ ކުޑަ ކުއްޔަކަށް ކަމަށެވެ.