ސިނާއީ ނޫން ބޭނުންތަކަށް ދޫކުރާ ރަށްތަކުން ރުއްގަސް ކަނޑާނަމަ އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސް ނުވަތަ ރުއް އިންދަންޖެހޭ ގޮތަށް ހިމަނައިގެން، މަސްވެރިކަމާއި ދަނޑުވެރިކަމާ އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު އިސްލާހު ކޮށްފިއެވެ.

މި ގަވައިދުގައިވާ ގޮތުން ފަޅުރަށްރަށް ނުވަތަ ރަށަކުން ބައެއް ދޫކުރަނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ. ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާ ފަރާތަކަށް، ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު ކައުންސިލަކުން ނުވަތަ ކައުންސިލްތަކަކުން ހުށަހެޅުމުންނެވެ.

މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށަކުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުއެވެ.

މީގެ އިތުރުން އެ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެނޫން އެހެން ބޭނުމަކަށްޓަކައި ގަސް ކަނޑާ ނުވަތަ ނަގާ ގަހެއް މިނިސްޓްރީގެ ހުއްދަ ލިޔުމަކާ ނުލައި ރަށުން ބޭރަށް ގެންދިޔުމަކީ މަނާކަމެކެވެ. އަދި ބޮޑެތި ބިޔަ އަދި ދުވަސްވީ ގަހާއި، ރާއްޖެއިން އާންމުކޮށް ނުފެންނަ އާދަޔާ ހިލާފު ގަސްގަހާގެހި ކެނޑުމަކީ ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކީ މަނާކަމެކެވެ.

މީގެ އިތުރުން ރަށަކުން ބައެއްގައި ފަސޭހައިން ރޫޅައިނުލެވޭ އަދި ނުއުފުލޭ ބިނާތައް ކުރެވޭނީ، ލިބިފައިވާ ޖުމްލަ ބިމުގައި ކުރަން ކަނޑައަޅާ ކަންތައްތަކަށް ރިއާޔަތްކޮށް އެ ބިމުގެ 10 އިންސައްތަ އަށް ބޮޑުނުވާ ގޮތަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން، އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފިނަމަ އެއްބަސްވުމުގައި، ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން ގިނަވެގެން އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.