މުހައްމަދު އިކްރާރު ހުރީ ވިޔަފާރީގެ ސަރަހައްދެއް ކަމަށްވާ ރާވަލްޕިންޑީގެ މުސްލިމް ޓައުންގައި ހުންނަ އޭނާގެ ކުޑަ ފިހާރައިގައެވެ. ކަމެއް ރަނގަޅު ނޫންކަން އޭނާއަށް ފާހަގަކުރެވުނެވެ.

"މަހެއްހާ ދުވަހުގެ ތެރޭގައި އިންތިހާބެއް އޮންނާނެ. އެކަމަކު އަހަރެން ހަނދާނެއް ނެތް އިންތިހާބަކާ ދިމާކޮށް މީގެ ކުރިން އަހަރެމެންގެ ސަރަހައްދު މިހާ ހިމޭންވެފައި އޮތް ހަނދާނެއް." އުމުރުން 46 އަހަރުގެ އިކްރާރު ބުންޏެވެ.

"އެކި ކެނޑިޑޭޓުން ބަހައްޓާފައި ހުންނަ ސްޕީކަރުތަކުގެ ފޯރިގަދަ ކެމްޕެއިން މެސެޖުތަކާއި، ބެނާ، ދިދަ އަދި އަޑުގަދަ މިއުޒިކް ފަދަ ހަރަކާތްތައް މީގެ ކުރިން ފެނޭ. ހީވާނީ ފެސްޓިވަލެއް ހެން. އެކަމަކު މިފަހަރު އޮތީ ވަރަށް ހިމޭންވެފައި."

241 މިލިއަން މީހުން ދިރިއުޅޭ ޕާކިސްތާނުގައި ގައުމީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. ނަމަވެސް އެ ވޯޓަކީ ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އިސްވެ ހުންނަވާ އިދިކޮޅު މައި ޕާޓީން އޮޅުވާލާކަމުގެ ތުހުމަތުތައް އަމާޒުވަމުން އަންނަ ވޯޓެކެވެ.

އެގައުމުގެ އެންމެ މަގުބޫލު ސިޔާސީ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އިމްރާން ވަނީ އޮގަސްޓް މަހުން ފެށިގެން އެކި ތުހުމަތުތަކާ ގުޅިގެން ޖަލުގައި ބަންދުކޮށްފައެވެ. އަދި އިންތިހާބުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުލިބެނީ، އޭނާ އާއި އޭނާގެ ޕާޓީއާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރުކަށި ފިޔަވަޅެއްގެ ތެރޭގައި ހިމެނޭ ކަމަށް ގަބޫލުކުރައްވާ މައްސަލަތަކުގައި ކުށް ސާބިތުވުމުންނެވެ.

އިމްރާން ހާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ނިސްބަތްވާ ކްރިކެޓް ބެޓް ނިޝާން ނެގުމަށް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިކަމުގެ ސަބަބުން ޕީޓީއައިގެ ލީޑަރުންނަށް މަޖުބޫރުވީ ވަކި ވަކި ނިޝާންތަކާއެކު އަމިއްލަ ގޮތުން ވާދަކުރުމަށެވެ. 60 ޕަސެންޓް ލިޓްރަސީ ރޭޓް އޮންނަ ގައުމެއްގައި ވޯޓުލާ މީހުން ވޯޓުގައި އިސްކަންދޭ ޕާޓީތައް ދެނެގަތުމަށް އިންތިހާބުގެ ނިޝާންތަކަކީ ވަރަށް މުހިންމު ނިޝާންތަކެކެވެ.

މިނިންމުން ނިންމިތާ ދެ ދުވަސް ފަހުން، ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ވަނީ ހޯމަ ދުވަހު ޕަންޖާބު ޕްރޮވިންސްގެ އޮކާރާ ސިޓީގައި ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ ކެމްޕޭން ފައްޓަވައިފައެވެ.

މީހުންގެ ޝައުގުވެރިކަމެއް ނެތް

ހަގީގީ އިދިކޮޅު ފަރާތެއް ނެތުމުގެ ސަބަބުން އިންތިހާބާ އިދިކޮޅަށް ކުރިމަތިލާން ޖެހުނީ ފިނި ކަމަކަށެވެ.

ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ކެމްޕެއިންތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ދޮރުން ދޮރަށް ގޮސް ދިދަ ބެހުމާއި މަގުމަތީގެ ބައްދަލުވުންތަކަށް ދައުވަތު ދިން ހަނދާން އިކްރާރް އެބަހުއްޓެވެ."

"އިންތިހާބަށް ދެތިން މަހެއްހާ ދުވަސް ކުރިން އިންތިހާބުގެ ތައްޔާރީތައް ވާން ފަށަން. އަހަރެމެންގެ ލީޑަރުންގެ ދިދަތައް ބަހައްޓައިގެން، މީހުން ބައިވެރިކުރަން މަސައްކަތް ކޮށް ކެމްޕެއިންތައް ކުރިން. އެކަމަކު މިހާރު ފެންނަނީ މީހުން އެއްވެސް ވަރަކަށް ޝައުގުވެރިނުވާ ކަހަލަ ގޮތަކަށް." އޭނާ ބުންޏެވެ.

މުހައްމަދު އިކްރާރު: މީގެ ކުރިން އިންތިހާބުގެ ކެމްޕެއިންތަކުގައި ހަރަކާތްތެރިވި

ސަރުކާރުގެ ރިޓަޔާޑް މުވައްޒަފެއް ކަމަށްވާ މަގްބޫލް ޝަރީފް ތޫރު އެ ވާހަކައަށް އެއްބަސްވިއެވެ. ރާވަލްޕިންޑީގެ މެދުތެރޭގެ އާބާދީ ބޮޑު އަވަށެއް ކަމަށްވާ ބާބޫ މޮހައްލާގައި ދިރިއުޅެމުން އަންނަ ތޫރު ވަނީ ކަނޑައެޅިފައިވާ އިންތިހާބާ މެދު ނުތަނަވަސްކަން ފާޅުކޮށްފައެވެ. މި ހަފުތާގެ ކުރީކޮޅު އީރާނުން ވަނީ ޕާކިސްތާނަށް މިސައިލް ފޮނުވާލައި، ޓެރަރިސްޓް މަރުކަޒުތަކަށް އަމާޒުކޮށް، ބަދަލުހިފުމުގެ ހަމަލާތައް ދީފައެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ހަގީގަތުގައި ވެސް ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމާ މެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

"އެއް ޕާޓީ މުޅިން އެއްފަރާތްކޮށް، ވާދަވެރިކަމަށް ހުރަސް އެޅިއްޖެ. ކެމްޕެއިންގެ ތެރޭގައި ދިރުންގަދަ މާހައުލެއް އަހަރެމެންނަށް ވަރަށް ކަމުދިޔަ. އެކަމަކު މިހާރު މިތަނުގައި އެކަހަލަ ފޯރިއެއް ނެތް." އޭނާ ބުންޏެވެ.

ޕާކިސްތާނުގައި 12 ވަނަ އާންމު އިންތިހާބު ބާއްވަނީ ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކާއި ސަލާމަތީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފުރަތަމަ ނޮވެމްބަރު މަހަށް ތާވަލުކުރި އިންތިހާބު، ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ އާބާދީއާ ގުޅޭ ގޮތުން ދާއިރާތައް އަލުން ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ވޯޓު ލުން ފަސްކޮށްފައެވެ.

ޕާކިސްތާނުގައި ސިޔާސީ ހަމަނުޖެހުންތައް ފެށުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޕާލަމެންޓްގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން އިމްރާން ހާން ވެރިކަމުން ދުރުކުރުމުންނެވެ. ކުރީގެ ކްރިކެޓް ތަރި ތުހުމަތު ކުރި ގޮތުގައި އޭނާ މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ ނުފޫޒުގަދަ އަސްކަރިއްޔާއަށް ނިސްބަތްކުރާ ލަފުޒެއް ކަމަށްވާ "އެސްޓަބްލިޝްމަންޓް" އެވެ.

ރާވަލްޕިންޑީގެ ޕީޓީއައި ކެނޑިޑޭޓް ޗައުދަރީ މުސާދިކް ގުމްމަން ވިދާޅުވާ ގޮތުގައި އޭނާގެ ޕާޓީއާ ދެކޮޅަށް އުފުލާފައިވާ ގާނޫނީ މައްސަލަތަކުގެ ސަބަބުން ގިނަ ބަޔަކު މާޔޫސްވެއްޖެއެވެ.

"ކޯޓުތަކުގެ މައްސަލަތަކުގެ ސަބަބުން އަރެމެންނަށް އިންތިހާބުގައި ބައިވެރިވެވޭނެ ކަމެއް ނޭނގޭ. މިހާރު އަހަރެމެންގެ ލީޑަރު ހުންނެވީ ޖަލުގައި. އަހަރެމެންގެ ނިޝާން ވަނީ ނަގާފައި. މިފަދަ ހާލަތެއްގައި އިންތިހާބީ ކެމްޕެއިނަކަށް ތައްޔާރުވުމަކީ ގޮންޖެހުންބޮޑު ކަމެއް." އޭނާ ވިދާޅުވިއެވެ.

އަދި ޕީޓީއައިގެ އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކާއި އާންމު ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން ލިބެނީ ވަރަށް ދަށް ތަރުހީބެއް ކަމަށް ވެސް ގުމްމަން ވިދާޅުވިއެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު ޕާކިސްތާނުގައި ވޯޓުލާން ތައްޔާރުވުމަށް މަސައްކަތްތެރިން ޕާޓީގެ ދިދަ ތައްޔާރުކުރަނީ

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ސުޕްރީމް ކޯޓުގެ ސާފު އިރުޝާދުތަކާއި އީސީޕީން ތަކުރާރުކޮށް ޔަގީންކަން ދީފައިވީ ނަމަވެސް، ވޯޓުލާ މީހުންގެ މެދުގައި މިހާރު އުފެދިފައިވާ އިހުސާސްތަކަކީ ވޯޓު ކުރިއަށް ދާނެތޯ ނުވަތަ އިތުރަށް ލަސްވާނެކަމާ މެދު ޔަގީންކަން ނެތް އިހުސާސެވެ.

"މީހުންގެ މެދުގައި ވަނީ ޝައްކުތައް އުފެދިފައި. ހީވަނީ އިންތިހާބީ ނުތަނަވަސްކަން ކުޑަކުރުމަށް ވިސްނައިގެން ސްޓްރެޓެޖީއެއް ބޭނުންކޮށްފައިވާ ހެން." ސިޔާސީ ކޮމެންޓޭޓަރު ޒައިގަމް ހާން ވިދާޅުވިއެވެ.

ޕީޓީއައިއަށް ގާނޫނީ ގޮންޖެހުންތަކާއި ކެންޑިޑޭޓުންގެ ނަން ބާތިލްކުރުމާ ކުރިމަތިލާން ޖެހިފައިވާއިރު، އަނެއް ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެމްއެލްއެން އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ކެންޑިޑޭޓުން ފައިނަލް ކުރީ މިދިޔަ ހަފުތާގައެވެ.

ޕަންޖާބުގެ ނަރޯވާލް ސިޓީގެ ޕީއެމްއެލްއެން ކެނޑިޑޭޓް އަހްސަން އިގްބާލް ވިދާޅުވާ ގޮތުގައި ކެންޑިޑޭޓުން ފައިނަލް ކުރުން ލަސްވީ ހުށަހަޅަން ޖެހޭ ނަންތައް ބެލުމުގެ ފުރިހަމަ މަރުހަލާއެއްގެ ސަބަބުން ކަމަށެވެ.

"އަމާޒަކީ ހޮވުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހަމަޖެއްސުން." އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެންގެ ކެމްޕޭނަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ."

އިންތިހާބަށް ތިން ހަފުތާ އޮތް އިރު ރާވަލްޕިންޑީ އޮތީ އާދަޔާ ހިލާފަށް ހިމޭންކޮށް

ލާހޯރުގެ އަނާރްކަލީ މާރުކޭޓުގައި ޕްރިންޓިންގެ ވިޔަފާރި ކުރާ ވަލީދު އަޝްފާގު (ދަގަނޑޭ) ބުނި ގޮތުގައި އޭނާގެ ދާއިރާގައި މަގުމަތީގައި އެހާ ގިނަ ބެނާތަކާއި ޕޯސްޓަރުތައް ހަރުކޮށްފައި ހުރުމުން މުނިސިޕަލް އޮތޯރިޓީން ކޮންމެ ހަފުތާއަކު ވެސް އެ ބެނާތައް ނަގަން އަންގައެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު އާ ބެނާތައް އަނެއްކާވެސް ފެންނަން ހުރެއެވެ.

"މީހުން އަހަރެމެންގެ ހިދުމަތަށް އެދި ދެތިން މަސް ކުރިން ބުކް ކުރާނެ. ޕްރިންޓް ކޮށްދޭ ކަމަށް މިފަހަރު އަހަރެމެން މަގުމަތީގައި އިސްތިހާރުތައް ވެސް ވާނީ ބަހައްޓާފައި. އެކަމަކު ހިދުމަތަށް އެދި އެއްވެސް މީހަކު އައިސްފައެއް ނުވޭ." އޭނާ ބުންޏެވެ.

"ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި މަސައްކަތްތެރިން ދިދަ، ގަމީސް، ކީޗެއިން އަދި އެހެނިހެން އެއްޗެހި ޕްރިންޓްކޮށް ޗާޕުކުރާނެ. އެކަމަކު މި އަހަރު ބާޒާރުގައި ޑިމާންޑެއް ނެތް. ހީވަނީ މީހުން ތިބީ ފޫހިވެ، ޝައުގުވެރިކަން ނެތިހެން."

އިމްރާން ހާން ޖަލުގައި ނެތް ނަމަ ވާނީ ކިހިނެތް؟

އިސްލާމްއާބާދުގެ އަވަށެއް ކަމަށްވާ ޓާނޯލްގެ ފަރުނީޗަރު ފިހާރައެއްގެ ވެރިޔާ މުހައްމަދު މީރާން މޮހްމަންދު ބުނި ގޮތުގައި އޭނާގެ އަވަށުގައި އަބަދުވެސް އިންތިހާބާ ދިމާކޮށް ވަރަށް ފޯރިގަދަ ވާދަވެރިކަމެއް ފެނިގެން ދިޔަ ނަމަވެސް މިއަހަރު އެތަނުގައި ސިޔާސީ އެއްވެސް ހަރަކާތެއް ފަށާފައެއް ނުވެއެވެ.

"އަޅުގަނޑަށް ހީވަނީ ސިޔާސީ ބޭފުޅުން ރައްޔިތުންގެ މިޒާޖު ބައްލަވަމުން ގެންދަވާ ހެން. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ނިޒާމަށް، އަދި އެ ސިޔާސީ ބޭފުޅުންނަށްވެސް އެއްވެސް އިތުބާރެއް ނެތްކަން. އެމީހުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް. އަހަރެމެންނަށް ބޭނުންވާ ފެނާއި ވަޒީފާއެއް ވެސް ނުދެވޭނެ. އަދި ވިޔަފާރިތައް އުފައްދަން އެހީއެއް ވެސް ނުދެވޭނެ. ގައުމުގެ އިގްތިސާދު ދޫކޮށްލާއިރު، އަހަރެމެންގެ މަގުތައް އެ މީހުންނަށް މަރާމާތުކޮށް ހަމައަކަށް ނޭޅުވޭ." އޭނާ ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން ރައްޔިތުން ވޯޓުލާން ނުކުންނާނެ ކަމަކަށް. އެމީހުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި."

އިސްލާމްއާބާދުގެ އަވަށެއް ކަމަށްވާ ޓާނޯލް އަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގެ ހަބެއް

އެ ސަރަހައްދުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަމްޒާ އަލީ ހާރޫން ވިދާޅުވީ އޭނާ ކެމްޕޭން ކުރާތާ ހަފްތާއެއް ވެފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން ތިބީ ސިޔާސީ މީހުންދެކެ "ބަލިވެ ފޫހިވެފައި" ކަމަށެވެ.

"ގިނަ ކެނޑިޑޭޓުންނަކީ ހަމަ މުސްކުޅި މޫނުތަކެއް. ޕީއެމްއެލްއެން އާއި ޕީޕީޕީގެ މި ކެނޑިޑޭޓުން ވާދަކުރީ އަޅުގަނޑުގެ އުމުރުން އަށް ނުވަތަ ދިހަ އަހަރުގައި. މިއަދު އެމީހުންގެ ވާހަކަ އަޑުއަހާނީ ކާކު؟" މިހާރު 33 އަހަރުގެ ހާރޫން ބުންޏެވެ.

އިސްލާމްއާބާދުގެ އެނަލިސްޓް އަހުމަދު އިޖާޒް ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ކެމްޕެއިން މަޑުޖެހިފައި އޮތުމަކީ ޕީއެމްއެލްއެން އާއި ޕީޕީޕީން ވިސްނައިގެން ކުރިއަށް ގެންދާ ސްޓްރެޓެޖީއަކަށް ވެދާނެއެވެ.

"މި ކެމްޕޭން ވަރަށް ބާރަށް ކުރިއަށް ދިޔަނަމަ، ފާއިތުވި ދެ އަހަރު ގައުމުގެ ހާލަތަށް ބަލާއިރު، އަސްކަރީ މުއައްސަސާއާ ދެކޮޅަށް އަޑުއުފުލަން ޖެހުނީސް. ވިސްނުމަކީ ކެމްޕެއިންގެ ވައްޓަފާޅި ކޮންޓްރޯލް ކުރުން ކަމަށް ވެދާނެ." އޭނާ ވިދާޅުވިއެވެ.

އިޖާޒް ވިދާޅުވި ގޮތުގައި މި ޓެކްޓިކްގައި ވޯޓުލާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެދާނެ ކަމަށާއި ޕާކިސްތާނުގެ ގިނަ ބަޔަކު ގަބޫލުކުރާ ޕާޓީ ޕީއެމްއެލްއެން އަށް މިފަހަރު އަސްކަރިއްޔާގެ ތާއީދު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އިމްރާން ހާން ޖަލުގައި ނެތް ނަމަ ނުވަތަ އޭނާގެ ޕާޓީއަށް ކުރިމަތިލާން ޖެހުނީ ކޮން ހަރުކަށި ފިޔަވަޅެއްތޯ ކަމާމެދު ވިސްނާލާ. އަހަންނަށް ޔަގީން، މިވަގުތު އަހަރެމެން މިވާހަކަ ނުދައްކާނެކަން. ކެމްޕޭން އެންމެ ގަދައަށް އޮންނާނެ."