ރަމަޟާން މަހުގެ ކުރިން އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާލުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިމާރާތަށް ގާތްގަނޑަކަށް 40 އަހަރުވެފައި ވާއިރު، އިމާރާތް ބާ ވެފައި ވުމުގެ ސަބަބުން އެ އިމާރާތުގައި ވަރަށް ގިނަ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން އިސްލާމީ މަރުކަޒުގެ ފުރާޅުގެ ޓިނުތައް ހަލާކުވެފައިވާ ކަމަށާއި ގުއްބުގެ އެތެރެ ވެސް ހަލާކުވަމުންދާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ. އަދި އިސްލަަމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި މަރުކަޒުގެ އެތެރެއަށް ވާރޭ ވެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މަރުކަޒުގެ ތެރެއަށް ވާރޭ ވެހޭތީ ވިއްސާރަ ދުވަސްވަރު މަރުކަޒުގެ އެތެރޭގެ ގިނަ ތަންތާނގައި ބާލިދީ ބަހައްޓާފައި ހުންނަ ކަމަށެވެ. އަދި އެ ތަނުގައި ޖެހުމަށް ޓިނު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޓިނުތައް ބަދަލު ކުރަން 2 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އެތަނުގައި ޖަހާ ޓިނު ލިބެނީ ރާއްޖޭން ބޭރުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.