މާލޭގެ ރެސްޓޯރަންޓެއްގައި ގޭސް ފުޅި އެއް ލީކުވުމުގެ ސަބަބުން ގޭސް ފުޅި ގޮވައި ހިނގި ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެ، އިތުރު ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ގޭސް ލީކުވެ، ގޭސްފުޅި ގޮވުމުގެ ހާދިސާ އެއް މިއަދު ހިނގާފައި ވަނީ ހެންވޭރު ކިނބިގަސް މަގުގައި ހުންނަ އެންޖީބީ ރެސްޓޯރަންޓުގައެވެ. ފުލުހުންނާއި ސިފައިން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހާދިސާ އާ ގުޅޭ ގޮތުން މައުލޫމާތުދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހަވީރު 5 ޖަހާކަން ހާއިރު ކަމަށެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ:

- ބިދޭސީ ފިރިހެނަކަށް

- އެ ތަނުގައި ތިބި ދިވެހި ދެ އަންހެނަކަށް

މީގެ ތެރެއިން އަނިޔާވި ބިދޭސީ ފިރިހެން މީހާ އަކީ އެންޖީބީ ރެސްޓޯރަންޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް، ސިފައިން ބުންޏެވެ.

މި ތިން މީހުންނަށް ފަރުވާ ދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެއްވެސް ސީރިޔަސް އަނިޔާ އެއް މި ތިން މީހުންނަށް ނުލިބޭ ކަމަށް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.