ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން، ފޮސްޓާ ކުރާ އާއިލާތަކަށް ކޮންމެ މަހަކު ވެސް ދައުލަތުން މާލީ އެހީ ދޭނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓުން ބުނެފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ކުދިން ފޮސްޓާ ކުރަން ބޭނުންވާ މީހުން 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންމެ ކުއްޖަކީ ވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު މިނިސްޓްރީން ބުނީ، ކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ މަހަކު ސަރުކާރުން އެ އާއިލާތަކަށް 5،000 ރުފިޔާ ގެ އިނާޔަތެއް ދޭނެ ކަމަށެވެ.

ކުދިން ފޯސްޓާ ކުރަން އެދޭ އާއިލާތަކުގެ އެސެސްމަންޓަކާއެކު، ޓްރެއިނިން އެއް މިނިސްޓްރީން ކުރިއަށްގެންދަން ނިންމާފައިވާއިރު، ވަގުތީ ގޮތުން ކުދިން ބެލުމަށް ހަވާލުކުރާނީ ދެ އަހަރުގެ މުއްދަތަކަށެވެ. އާއިލާއިން ބޭނުންނަމަ އެ މުއްދަތު އިތުރުކުރުމާއި ދައިމީ ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާއިރު އާއިލާތަކާ ކުދިން ހަވާލުކުރުމަށްފަހު ވެސް، އެކުދިންގެ ހާލަތު މިނިސްޓްރީން ބަލަމުންދާނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ރީ-އިންޓަގްރޭޓް ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، އެ ކުދިންގެ ބެލެނެވެރިކަން ކޯޓު މެދުވެރިކޮށް ހަވާލުކުރާ ގޮތަށް ހަމަޖައްސައިފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ.