ހުއްދަ ނެތި، އުމްރާއަށް މީހުން ގެންދަން 2 ކުންފުންޏަކުން ފައިސާ ނަގަމުންދާތީ އެ ކަމަށް ސަމާލުވާން އިސްލާމިކް މިނިސްޓްރީއިން އިލްތިމާސް ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް ހުއްދަނެތި ބައެއް ކުންފުނިތަކުން އުމްރާއަށް މީހުން ގެންދަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކީ ދިވެރހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއްކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިން މިނިސްޓްރީއިން ލިބިގެން މެނުވީ އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތެއް ނުވަތަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފާހަގަކޮށް އެ މިނިސްޓްރީއިން ބުނީ ހުއްދަ ނެތި، ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ ވެސް އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ، އެ ފަރާތްތަކުން ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ "އަލް މަޝްރައު ހައްޖު އުމްރާ" ކުންފުންނާއި "ވަޑި ހައްޖު އެންޑް އުމްރާ" މި ދެ ކުންފުނިން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް ހުއްދަ ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި، އިއުލާނުކޮށް ފައިސާ ނަގަމުންދާ ކަން ސޯޝަލް މީޑީއާގެ ވަސީލަތްތަކުން އެ މިނިސްޓްރީއަށް ފާހަގަވެފައިވެފައިވާ ކަމަށެވެ.
އެއީ މަނާ ކަމެއް ކަމުގައިވާތީ، އެކަން އެގޮތަށް ނުކުރުމަށާއި، އެފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އުމްރާއަށް ދިއުމަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދީފައިވާ ކުންފުނިތައް ހިޔާރު ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.
