މަޝްހޫރު ބަތަލާ/ ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒްގެ ޑްރީމް ޕްރޮޖެކްޓް "ޔާރާ" ގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.

ޝައުގުވެރި އެޕިސޯޑަކާއެކު ދެވަނަ ސީޒަން ނިންމާލީ ސީރީޒަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްފަހުއެވެ. ފުރަތަމަ ސީޒަނަށްވުރެ ކާސްޓުން ގިނަކޮށްގެން ޔާރާ ގެ ދެވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. ކޮންމެ ކެރެކްޓާއެއްވެސް ފުރިހަމަކަމާއެކު ސީރީޒް އަށް އިތުރު ޝާހީކަމެއް ގެނެސްދިންއިރު ދެވަނަ ސީޒަންގައި ހިމެނީ .ޖުމްލަ 12 އެޕިސޯޑްއެވެ. ޖުމްލަ ހަތަރު ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ "ޔާރާ" ގެ ފުރަތަމަ ސީޒަން ނެރެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24ގައެވެ.

އަހުމަދު އިގްބާލް (އައިކިއު) ސްކްރީންޕްލޭ ލިޔުނު "ޔާރާ" އަކީ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ ސީރީޒްއެކެވެ. މި ސީރީޒުން އެއްފަހަރާ އެންމެ ގިނަ ދިވެހި ތަރިން ފެނިގެންދާއިރު މި ސީރީޒުން ފެނިގެންދާނެ ބައެއް ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައިހު (ޖުމާ)، އަހުމަދު އަޒުމީލު (އަޒޭ)، އައިމިނަތު ރަޝީދާ (އައިންތު)، މުހައްމަދު ވިޝާލް (ރޯމަން)، ޝަރާ އާދަމް، އަބްދުﷲ ޝަރަފް، ހުސައިން ޝާދިޔާން (ސޭންޑީ)، ނަތާޝާ ޖަލީލު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. ބަތަލާ ރިޝްމީ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.