ފުލުހުން ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލެވިފައި ވާތީ ބަދަލުގައި ސައިކަލުގެ ވެރިފަރާތަށް ހަތް ދުވަހުގެ ތެރޭގައި 82،900 ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ.

އޭޕްރިލް 7، 2022 ގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ވަނީ އެ ހާދިސާ އާ ގުޅުންހުރި ސައިކަލެއް އެ ދުވަހު ޓޯ ކޮށް، ހުޅުމާލެ ޓޯ ޔާޑަށް 15 ދުވަހުގެ މުއްދަތަކަށް ގެންގޮސްފައެވެ.

ސައިކަލުގެ ވެރިފަރާތުން ދިން ބަޔާނުގައި ބުނީ، ސައިކަލު ޓޯ ކުރި މުއްދަތު ހަމަވިފަހުން އެ މަހުގެ 25 ވަނަ ދުވަހު އޭނާ އާއި އިތުރު މީހަކު ސައިކަލު ބަލައި ޓޯ ޔާޑަށް ދިއުމުން، ސައިކަލާ ހަވާލުވިކަމުގެ ލިޔުމެއްގައި ސޮއިކުރަން ފުލުހުން އެންގި ކަމަށާއި، އެ ލިޔުމުގައި ސޮއިކޮށް ސައިކަލާ ހަވާލުވުމަށް ބެލިއިރު ޓޯ ޔާޑުގައި ސައިކަލު ނެތް ކަމަށާއި، ސައިކަލު ގެއްލިފައިވާ ކަމަށް ފުލުހުން ބުނި ކަމަށެވެ.

އެހެންވެ ސައިކަލު 'ގެއްލިފައިވާ' މައްސަލަ އޭގެ އެއް ދުވަސް ފަހުން ފުލުހުން ތަހްގީގުކުރަން ފަށާފައިވާ ކަމަށާއި، ނަމަވެސް ތަހްގީގު ދިގުލައިގެން ގޮސް ޖަވާބު ނުލިބުމުން ޖޫން 1، 2022 ގައި އީމެއިލް މެދުވެރިކޮށް ސުވާލުކުރުމުން، އެ މައްސަލަ އަދިވެސް ތަހްގީގުކުރަމުން ދާ ކަމަށް ފުލުހުން އޭގެ 18 ދުވަސް ފަހުން ދިން ޖަވާބުގައި ބުނި ކަމަށް، އޭނާގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އޭނާ އިތުރަށް ބުނި ގޮތުގައި މި މައްސަލަ ޝަރީއަތަށް ހުށަހެޅުމާ ހަމަޔަށް ވެސް ސައިކަލު ޓޯ ޔާޑުގައި ހުއްޓައި ގެއްލިފައިވާ ކަން ފުލުހުން ރަސްމީކޮށް އަންގާފައެއް ނެތެވެ.

އެހެންކަމުން ސައިކަލުގެ ވެރިފަރާތުން އެދުނީ، ސައިކަލު އަނބުރާ ރައްދުކުރެވެން ނެތް ނަމަ:

  • ގަންނަން ހަރަދުވި 57،900 ރުފިޔާ ދިނުމަށް
  • ގެއްލުމުގެ ބަދަލުގައި 19،300 ރުފިޔާ ދިނުމަށް
  • ވަކީލު ހޯދުމަށް ހަރަދުވި 25،000 ރުފިޔާ ދިނުމަށް
  • އެއީ ޖުމްލަ 102،200 ރުފިޔާ

ނަމަވެސް ސައިކަލުގެ ވެރިފަރާތުން ދައުވާ އާ އެކު ހުށަހެޅި ލިޔެކިއުންތަކުން، އޭނާ ހޯދުމަށް އެދޭ ގެއްލުމުގެ ބަދަލުގެ އަދަދުތަކަކީ އޭނާ އަށް ލިބުނު ގެއްލުންތޯ ވަޒަން ނުކުރެވޭތީ، އޭނާ އެދޭ ގެއްލުމުގެ ބަދަލު ނުދެވޭނެ ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ވަނީ އެ ދައުވާ އަށް އިންކާރުކޮށްފައެވެ. އަދި އެ ސައިކަލު ޓޯ ޔާޑަށް ގެންދިޔައިރު ސައިކަލުގެ ވެރިފަރާތުގެ އަތުގައި ލައިސެންސް ނެތް ކަމަށް ވެސް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް އެ ސައިކަލު ވެރިފަރާތަށް ރައްދުކުރެވިފައި ނުވާ ކަމަށް ދައުލަތުން އެއްބަސްވިއެވެ.

މި މައްސަލައިގައި ދައުލަތުން އެންމެ ފަހުން ހުށަހެޅި ބަޔާނުގައި ބުނީ، މި މައްސަލަ ކުރިމަތިވީ ފުލުހުން ސައިކަލު ޓޯ ޔާޑަށް ގެންދިއުމަށް ފަހު އޭޕްރިލް 19، 2022 ގައި ޓޯ ޔާޑުން ނައްތާލުމަށް ނެރުނު ސައިކަލުތަކާ އެކީ އޮޅިގެން، އެ ސައިކަލު ނައްތާލެވިގެން ކަމަށާއި، މި ހާދިސާ ހިނގީ ސައިކަލުތައް ނައްތާލުމުގެ މަސައްކަތުގައި އުޅުނު އެއްވެސް ފުލުހެއް ގަސްދުގައި ކުރި ކަމަކުން ކަން އެނގޭނެ އެއްވެސް ހެއްކެއް ވެސް ފުލުހުންގެ ތަހްގީގަށް ހޯދިފައިނުވާ ކަމަށެވެ.

ކޯޓުން ކުރި ހުކުމުގެ ބަޔާނުގައި ބުނީ، ފުލުހުންނަށް ސައިކަލު ނައްތާލެވުނީ އޮޅިގެން ކަމަށާއި، ގެއްލުމުގެ ބަދަލު ނަގައިދެނީ ގަސްދުގައި ކުރާ ކަންކަމަށް ކަމަށެވެ. އެހެންކަމުން، ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލުގައި ސައިކަލުގެ ވެރިފަރާތުން ހޯދަން އެދުނު 19،300 ރުފިޔާ ފިޔަވައި، ސައިކަލުގެ އަގު ކަމަށްވާ 57،900 ރުފިޔާ އާއި ވަކީލަށް ހަރަދުކުރަން ޖެހުނު 25،000 ރުފިޔާ އެއްކޮށްލުމުން އަންނަ ޖުމްލަ އަގު ކަމަށްވާ 82،900 ރުފިޔާ ސައިކަލުގެ ވެރިފަރާތަށް ބަދަލުގެ ގޮތުގައި ދިނުމަށެވެ.

އަދި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އެއްކޮށް ދެއްކުމަށް ވެސް އަންގާފައިވެއެވެ.