ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުން އަންނަ ކަމަށާއި މި ބަލީގައި ހާލު ސީރިއަސްވެ 3 ޒުވާނަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ މަދު ހަފްތާއެއް ތެރޭ، އިންފްލުއެންޒާ އޭ، އެޗްވަންއެންވަން ރާއްޖޭގައި ފެތުރެމުންދާ ކަން ފާހަގަ ވެފައިވާ ކަމަށާއި އިންފްލުއެންޒާގައި ނިއުމޯނިއާ ޖެހިގެން މިވަގުތު ވެންޓިލޭޓަރުގައި 3 ޒުވާނަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

ފާއިތުވި 30 ދުވަހުގެ ތެރޭގައި 1 ޒުވާނަކު ވަނީ މި ބަލީގައި މަރުވެފައި ކަމަށް ވެސް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މަސް ދުވަހުގެ ތަފާސްހިސާބުން ދައްކާ މި އަދަދުތަކަކީ މަދު އަދަދެއް ކަމަށާއި މިއީ ޕެންޑަމިކެއްގެ އިންޒާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ފްލޫ ޝޮޓް ޖެހިދާނެ ކަމަށާއި ވީއެންމެ އަވަހަކަށް 2023/2024 ގެ ފްލޫޝޮޓް ހޯދުމަށް ޑރ. މުހައްމަދު އިރުޝާދު ދެއްވިއެވެ.

އަދި މޫސުމީ ވެކްސިންތައް އާސަންދަ އިންޝުއަރެންސް ސްކީމްގެ ދަށުން ކަވަރު ކުރެވޭނެ ކަމަށް. އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ޑެންޑޫ ފަދަ ބަލިތައް ޖެހޭ މިންވަރު އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން ޖެހޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ސިއްހަތާ ބެހޭ ވުޒާރާއިން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.