ވެރިކަން ކުރާ ސިޓީ، މާލެ ސިޓީއިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވެފައިވަނީ ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއެއްގެ ކައުންސިލް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 58 ދުވަހުގެ ތެރޭގައި ރައީސްއާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް މާލެ ސިޓީއިން ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަަމަމަށެވެ.

މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއެއްގެ ކައުންސިލް މެންބަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި މޭޔަރު ކަމަށް އާޒިމް އިންތިހާބުވެވަޑައިގެންނެވީ 43.79 ޕަސެންޓާއެކުގައެވެ. އެއީ 7،621 ވޯޓެވެ. އާޒިމްގެ އިތުރުން އެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) ގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަދި އަމިއްލަ ގޮތުން ޝުއައިބް އަލީ ވާދަކުރެއްވިއެވެ.

މި އިންތިހާބުގައި ޖުމްލަ 162 ވޯޓު ފޮޓެއް ބަހައްޓާފައިވާއިރު އާޒިމާއަށް ލިބިވަޑައިގެންފައިވަނީ 5،032 ވޯޓެވެ. ސައިފަށް 2،336 ވޯޓު ލިބިވަޑައިގެންނެވިއިރު ހުސައިން ވަހީދަށް ލިބިވަޑައިގެންފައިވަނީ 1،888 ވޯޓެވެ. އަދި ޝުއައިބަށް ލިބިވަޑައިގެންފައިވަނީ 125 ވޯޓެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސްވެފައިވަނި މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރިޔާސީ ދައުރު ބަދަލުވިއިރު ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންފައިވުމާ ގުޅިގެންނެވެ.

އެއަށްފަހު މާލެ ސިޓީ ކައުންސިލްގެ އިތުރުން ތިން ދާއިރާއެއްގައި ތިއްބެވި ކައުންސިލް މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައެވެ.