ޗައިނާ ސަރުކާރުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 130 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޗައިނާއިން ދޭ ހިލޭ އެހީން މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމުގެ އިތުރުން އިތުރު ގިނަ އެހެން މަސައްކަތްތަކަކަށް ވެސް ހަރަދު ކުރާނެ ކަމަށެވެ.

"ހިލޭ އެހީގެ ގޮތުގައި އެއްބަަސްވުންތައް ހެދިގެން ދިޔަ. މިގޮތުން މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ފައިސާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސްޑޮލަރުގެ އެހީ ވަނީ ހަމަޖެހިފައި، [އެ ފައިސާ އިން] އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމަށް، އޭގެ އިތުރުންވެސް ގިނަ ކަންތައްތައް ކުރުމަށް ވަނީ ހަމަޖެހިފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޗައިނާއާއެކު ވަނީ 20 އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ. އޭގެ ތެރޭގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭއިރު އެއްބަސްވުމުގެ ދަށުން 30،000 ހައުސިން ޔުނިޓް ތަަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

އަދި ހަމައެހެންމެ އެކްޝަން ޕްލޭން އޮން ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނާޝިޕް އެއްބަސްވުމަކާއި އެކްސްޗޭންޖް އޮން ކޯޕަރޭޝަން އޮން އިކޮނޮމިކް ޑިވޮލަޕްމަންޓް ޕޮލިސީ، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ޑިޖިޓަލް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕް އެއްބަސްވުމެއް ހިމެނެއެވެ.