މާލެއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މާފަންނުގެ ގެތަކަށް ވަޑައިގެންފިއެވެ.

މާލެއަށް ކުރަމުން އަންނަ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ވަނީ ރެއާއި މިއަދު ވަރަށް ބޯކޮށް ވިއްސާރަވެހި، މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

ނައިބު ރައީސް ހުސައިންއާއެކު ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މާލޭގެ ބައެއް ގެތަކަށް ވަޑައިގެން ގެތަކަށް ލިބިފައިވާ ގެއްލުމާއި ގެތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލަތު ބައްލަވާލައްވައިފައެވެ. އަދި ނައިބު ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާލައްވާފައެވެ.

މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ބައެއް ގެތަކުގައި ވެލި ބަސްތާ ޖެހުމާއި މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުންނާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ކުރަމުންނެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ބަަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފްއިން ބުނީ އާޓިފިޝަލް ބީޗު ކައިރިން ޖެލީ ސަރަހައްދުންނާއި ނަސަންދުރަ ސަރަހައްދުން ވަރަށް ބޮޑަށް ފެން ހިނދިފައިވާ ކަމަށެވެ.

އޭގެ އިތުރުން ‏މޫސުމް ގޯސްވެ، ވައިގަދަވުމާއި ގުޅިގެން ޓީވީއެމް ކައިރީގައި ހުރި ގަހެއް ވެއްޓިފައިވާއިރު ސިޓީ ކައުންސިލުން ބުނީ އެ ގަސް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަަށެވެ.