ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިލްމީތރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެެވެ.

ޝަރުތުތަކަކާއެކު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާން ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 14 ގައެވެ. ނަމަވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ޔުނާން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައެޅުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލަމުން ކޯޓުން ކަނޑައެޅި ޝަރުތަކާ ހިލާފުވެފައިވުމުން އަލުން ބަންދުކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެދިފައެވެ.

ހުޅުމާލެ ކޯޓުން ޔުނާނަށް ކުރި ޝަރުތުތައް:

  • ކޯޓުގެ ހުއްދަ ނެތި ފުރައިގެން އެއްވެސް ތަނަކަށް ނުދިއުން
  • ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުން
  • ދިރިއުޅޭ ތަން ކޯޓަށް އެންގުން

2019 އާއި 2020 ވަނަ އަހަރު 15 އަހަރުން ދަށުގެ ކުޑަކުއްޖަކާ އެކު އެކި ފަހަރު ޖިންސީ ގުޅުން ހިންގައި، ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އަދި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރު ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ޔުނާންގެ މައްޗަށް 9 ދައުވާއެއް އުފުލާފައި ވާއިރު، ރިހްލާގެ މައްޗަށް 5 ދައުވާ ކުރުމަށް ވަނީ ހުށަހަޅާފައެވެ.

މައްސަލައިގައި ހިމެނޭ ކުދިންނާއި ހެކިބަސް ދޭ ފަރާތްތަކާ ބައްދަލު ނުކުރުމަށް ރިހުލާގެ މައްޗަށް ޝަރުތުކޮށް މިދިޔަ އަހަރުގެ މާޗު މަހު އޭނާ ވެސް ވަނީ ދޫކޮށްލައިފައެވެ.