އަޕާ ސައުތު ޕޮލިސްގައި ހިނެނޭ ރަށެއްގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 2026 އޮގަސްޓް 31 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 2026 ސެޕްޓެންބަރު 3 ވަނަ ދުވަހު 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދާއިރު މިދިޔަ މަހު ވެސް ވަނީ 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.
