ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލްކޮށް، 300,000 އަށްވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ބްލެކްމެއިލް ކުރުމުގެ ކުށުގައެވެ.

މި މައްސަލައަކީ ފަވާޒް ސްނެޕްޗެޓުން ވަގު އައިޑީއެއް ހަދައިގެން، އޭނާއަކީ އަންހެނެއް ކަމަށް ދައްކައިގެން މީހަކާ ޗެޓުކޮށް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހޯދުމަށްފަހު، އެ ތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ހޯދި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މި އަހަރުގެ އޭޕްރިލް 28 ގައި ނިންމާފައިވަނީ މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެގޮތުން އެ ކޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނާ ބްލެކްމެއިލްގެ ކުށުގެ އުންސުރުތައް މި އަމަލުން ފުރިހަމައެއް ނުވެއެވެ. އަދި ދައުވާގެ ސަބަބުގައި އެއީ ޖިންސީ އަމަލަކާ ގުޅުވައިގެން ކުރި ބްލެކްމެއިލެއްކަން ބަޔާންކޮށްފައެއް ނެތެވެ. ބަދަލުގައި އެއީ ހަމައެކަނި އޮރިޔާންކާޑު ބޭނުންކޮށްގެން ކޮށްފައިވާ ބްލެކްމެއިލެއްކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވަނީ ފަވާޒު ކޮށްފައިވާ ކަމަށް ބުނާ އަމަލަކީ ގާނޫނު ބަލައިގަންނަ ފަދަ ޖިންސީ އަމަލެއް ނޫން ކަމަށާއި، އޭނާގެ ޖިންސީ ނިޔަތެއް އޮތްކަން ދޭހަވާ ސަބަބެއް ނުވަތަ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތް ކަމަށެވެ.

ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ވެސް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައިވަނީ ފަވާޒް ފޮޓޯ އާއި ވީޑިއޯ ފޮނުވަން އެދުނު އެދުމަކީ ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ފަދަ ޖިންސީ އަމަލެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ހައިކޯޓުން ކަނޑައެޅިއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔު ތަފާތުވި ނަމަވެސް، ރިޔާސަތު ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ ރައުޔަށް ފަނޑިޔާރު އިސްމާއިލް ޝަފީއު ތާއީދު ކުރެއްވުމާއެކު، ބެންޗުގެ އަގުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓިއެވެ.