ކުޑަކުއްޖަކު ގްރޫމްކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހެއްގެ ފޯނު ހިފަހައްޓާ ފާސްކުރިއިރު، އެ ފޯނުން ބަރަހަނާ މަންޒަރު ހިމެނޭ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ ފެނުނު މައްސަލައިގައި ޖޫރިމަނާކޮށްފިއެވެ.
އެ މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ، ޏ. ފުވައްމުލައް، ދޫޑިގަން، އަލީ އަހުމަދެވެ.
އޭނާގެ މައްސަލަ ފުލުހުންނަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ 15 އަހަރުގެ ފިރިހެން ކުއްޖަކު 'ގްރޫމް'ކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި އޭނާގެ ފޯނު ފާސްކުރިއިރު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ 1،378 ވީޑިއޯ އާއި 566 ފޮޓޯ ފެނިފައިވެއެވެ.
މީގެ އިތުރުން އަދި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެއް ޖިންސުން ގުޅުން ހިންގުމާ ބެހޭ ވާހަކަތައް ދައްކާފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ހުންނަ އެ ފަދަ ގުރޫޕުތަކުގައި އުޅޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނީ އޮރިޔާންކާޑުގެ ދައުވާ އޭނާގެ މައްޗަށް އައުމުން، ކޯޓުގައި އެ މީހާ އެދިފައިވަނީ ޖަލު ހުކުމް، ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށެވެ. އޭނާއަކީ ވަޒީފާގައި އުޅޭ މީހެއްކަމުން ކްރިމިނަލް ކޯޓުން ނިންމީ، އޭނާގެ މައްޗަށް އަންނަ ތިން މަސް ދުވަހުގެ ޖަލު ހުކުމް، 18،000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކުރުމަށެވެ.
