ކިޔެވުން ފަށާ ދުވަހަށް ގެންނަ ބަދަލާއެކު، ކޮވިޑްގެ ސަބަބުން ގްރޭޑް 8ގެ ދަރިވަރުންނަށް ގެއްލުނު 6 މަސް އަނބުރާ ލިބޭނެ ކަމަށް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މި އަހަރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން ގްރޭޑް ބަދަލުވާނެ ގޮތުގެ ތަފްސީލް ދެއްވަމުން ޝަފީއު ވިދާޅުވީ ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން އެ ގްރޭޑްގެ 2 ވަނަ ޓާމް ނިމޭނީ އޭޕްރީލް މަހުގައި ކަމަށެވެ.

އެ ދަރިވަރުން ގްރޭޑް 9ގައި ތިބޭނީ މި އަހަރުގެ މެއި މަހުން ފެށިގެން 2025ގެ ފެބްރުއަރީ މަހަށް ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި އެ ދަރިވަރުން ގްރޭޑް 10 ފެށޭނީ އަންނަ އަހަރުގެ މާޗު މަހުގައި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

ޝަފީއު އިތުރަށް ވިދާޅުވީ އެ ދަރިވަރުން އޯލެވެލް ހަދާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އަދި ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި މިހާރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭނެ ކަމަށެވެ.

އެބަދަލާއެކު ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސްދުވަސް އަނބުރާ ލިބޭނެކަން އެޑިއުކޭޝަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ސިލަބަސް ކަވަރުކުރެވި، ރިވައިސް ކުރުމަށްވެސް ވަގުތު ލިބޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ކިޔެވުން ފަށާ ދުވަސް ޖެނުއަރީއަށް ބަދަލު ކުރި ނަމަވެސް އެ ބަދަލުގެ އަސަރު މިހާރު ގްރޭޑް 9 އަދި 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ ދަރިވަރުން އޯލެވެލް ހަދާނީ ކުރިން ރޭވިފައިވާ ގޮތަށް މޭ ޖޫން މަހުގައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެންބަރު މަހުގައި ދިނުމަށާއި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ދިރާސީ އާ އަހަރު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިބަދަލާއެކު ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެ ބަަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގެއްލުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތުގެ މަތިން ކަމަށާއި މިކަން ކުރަނީ އެޑިއުކޭޝަން މިނިސްޓްރީއިން ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ސަރުކާރުން ބުނެއެވެ.