ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ހޯލުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން، އެ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލުގެ އިމާރާތް ތަޅާލައި ބިން ހުސްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ތައުލީމާއި މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، ޖަލު ތަޅާލުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިންމައި، މާލޭގައި ހުންނާނެ އެންމެ ފުރިހަމަ ވަސީލަތްތައް އެކުލެވޭ މަލްޓިޕާޕަސް ހޯލު ބިނާކުރުމުގެ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި 2023 ވަނަ އަހަރު ކިޔަވައިދޭން ފެށިއިރު، އެތަނުގައި ހޯލެއް އެޅިފައެއް ނުވެއެވެ. ކުރީ ސަރުކާރުން ޖަލު ބިން ހުސްކޮށްގެން ހޯލު އަޅަން ނިންމި ނަމަވެސް، ސްކޫލް ހުޅުވުނުއިރު ވެސް އެކަން އޮތީ ނުވެފައެވެ. ހޯލެއް ނެތުމުން މިހާރު ވަގުތީ ގޮތުން ބޭނުން ކުރަމުން ދަނީ އިމާރާތްތަކުގެ ދެމެދުގައި އޮންނަ ހުސް ޖާގަތަކެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން، ސްކޫލުގެ އެކި ހަރަކާތްތަކަށް އެކަށޭނަ ތަނަވަސް އަދި ޒަމާނީ ޖާގައެއް ލިބިގެންދާނެއެވެ.
