މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ 2023" ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައި ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތުގެ ނަން އިއުލާން ކޮށްދެއްވީ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަބްދުالله ޒިޔާދެވެ. "ކަށަވަރު ޕްރޮމޯ 2023" ގެ ނަސީބުވެރި ފަރާތަކީ އަހްމަދު އާލިމް (214394-A) އެވެ.

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ" ގެ މަގްސަދަކީ އޮޑިވެރިންނާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހި ކޮށްދިނުމެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދީފައިވާ ޕްރޮޑަކްޓް ތަކަކީ، ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބޭޑާ ފައިބަރު ސާމާނު، މާރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތަކެވެ.

އެމްޓީސީސީ އިން ބުނީ، "ކަށަވަރު ޕްރޮމޯ 2023" ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ ގްރޭޓާ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ވަނީ ޒިޔާރަތް ކޮށްފައެވެ. 2024 ވަނަ އަހަރު ތެރޭގައި އޮޑިވެރިންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ރަނގަޅުކޮށް ފުޅާކުރުމުގެ ގޮތުން، މެރިން އަދި އިންޑަސްޓްރިއަލް ސެކްޓާއަށް ހާއްސަކޮށް އިތުރު ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ މައިގަނޑު ބޭނުމަކީ އޮޑިވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެއެވެ. ކަށަވަރު ޝޯރޫމްއިން މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ޝޯރޫމް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި، ޕްރޮޑަކްޓަށް މިހާރަށް ވުރެ ރަނގަޅަށް ޑިސްޕްލޭ ކުރެވި، ކަސްޓަމަރުންނާއި ރަށްޓެހި މާހައުލެއްގައި ހިދުމަތް ދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމައެއާއެކު ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ، ޝޯރޫމްގައި ދިމާވާ ދަތިތަށް ހައްލުކުރެވޭނެ ކަމަށް ވެސް ބުނެއެވެ. އަދި އީ-ކޮމާރސް އޮންލައިން ޕްލެޓްފޯމެއް ތައާރަފު ކުރުމުން ކޮންމެ ތަނެއްގައި ހުރެގެންވެސް ޕްރޮޑަކްޓްސްތަކުގެ މައުލޫމާތާއި އަގުތަށް ަބަލައި ލެވޭނެއެވެ. އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން އާފްޓާ ސޭލްސް ހިދުމަތް ޒަމާނީ ފެންވަރުގައި ދެވޭނެ އާ ޑިސްޓްރިބިއުޝަން ސެންޓަރެއްވެސް ގާއިމް ކުރަން ރާވާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު ރާއްޖޭގެ 3 ސަރަހައްދު ކަމަށްވާ، ގދ. ތިނަދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ޓްރޭޑިން ސޭލްސް ސެންޓަރުތައް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކުރިއެކޭ އެއްފަދައިން، މަސްވެރިންނާއި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަމުންދާ ފަރާތްތަކަށް އެކިއެކި ގޮތްގޮތުން ދިމާވަމުންދާ ދަތިތަށް ދެނެގަނެ އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަށް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކުންފުނީގެ ޓީމްތަށް ކުރަމުންދާ ދަތުރުތައް ކުރިއަށްގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.