މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ އިތުރުން ނިމިދިޔަ ސަރުކާރުން ފެށި ގުޅިފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ގުރޫޕް ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ. މި މަޝްރޫއު ސީއެމްސީއާ ހަވާލުކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. މި މިހާތަނަށް މި މަޝްރޫއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

ރައީސްގެ ރަސްމީ މި ދަތުރުފުޅުގައި ރާއްޖެއިން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭއިރު އެއްބަސްވުމުގެ ދަށުން 30،000 ހައުސިން ޔުނިޓް ތަަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

އަދި ހަމައެހެންމެ އެކްޝަން ޕްލޭން އޮން ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނާޝިޕް އެއްބަސްވުމަކާއި އެކްސްޗޭންޖް އޮން ކޯޕަރޭޝަން އޮން އިކޮނޮމިކް ޑިވޮލަޕްމަންޓް ޕޮލިސީ، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ޑިޖިޓަލް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕް އެއްބަސްވުމެއް ހިމެނެއެވެ.

މީގެ އިތުރުންވެސް މި ސަރުކާރުން ރާއްޖެއަށް އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭނަށް ޗައިނާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ޗައިނާއިން ވަނީ ދީފައެވެ.

ރައީސް ޗައިނާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ދެއްކެވުމަށް ހަމަޖެހިފައިވާއިރުމި ދަތުރުފުޅުގައި ރައީސް ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގުތިސޯދީ ގުޅުން ބަދަހި ކުރުމަށް އެކި މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅުވެސް މެއެވެ.