ސިޓީ ކައުންސިލްގެ ވަކި ވަޒީފާތަކެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީއިން ގެނެސްދިން "ސަންގް ބަހުސް- މޭޔަރު އިންތިހާބު" ގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އާޒިމާގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ވަކި ކޯޓާއެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންގެ ވަޒީފާއަށް ހަމަޖައްސާނެ ކަމަށާއި އެ ވަޒީފާތަަކަށް އެހެން މީހުން ހަމަޖެހިގެން ނުދާނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ އެންމެ ފުރަތަމަނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އެހެން އެހީތައް އެބަ ބޭނުންވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ދަށުގައި އަވަށު މަދަރުސާތައް ހިންގަމުންދާކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ މިހާރުވެސް އިއުލާންކޮށްފައިވާ ފަދައިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް 18 އަހަރު ވުމުން ވެސް ސްކޫލަށް ގޮސް ތައުލީމް ހާސިލްކޮށް އެކި އެކި ފަންނު ދަސްކުރުމުގެ ކްލާސްތައް ކުރިއަށްގެންދާނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ ވަޒީފާއަށް ދިއުމަށްޓަކައި އެ ވަޒީފާއަކަށް ބޭނުންވާ ހުނަރު ދިނުމަށްޓަކައި އޮކިއުޕޭޝަނަލް ތެރަޕީގެ ސެންޓަރެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިމާރާތްތަކަށ ވަދެހެދުމުގައާއި ޕާކިން ސްލޮޓްގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އާޒިމާ ވަނީ އެ ކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އާޒިމާ ވިދާޅުވީ މުނިސިޕަލް ޑޭ ކެއާ ސެންޓަރެއް ގާއިމުކުރައްވާނެ ކަމަށާއި އެ ޑޭ ކެއާ ސެންޓަރުތަކުގެ ތެރޭގައި ވަކިން ބެލެނިވެރިންނާ އެކުގައި ކުދިން ބެލެހެއްޓޭނެ ގޮތްތައް ހެދުމަށްވެސް ވިސްނަވާ ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް 18 އަހަރު ވުމުންވެސް ސްކޫލަށް ނުގޮސް ގޭގައި ހުންނަން ޖެހޭނެ ގޮތަށް ވިސްނުން ނުގެންގުޅުއްވާނެ ކަމަށާއި އެންމެ މުހިއްމު އިސްކަމެއް ދެއްވާނީ ނުކުޅުތެރިކަން ހުންނަ ކުދިންނަށް ކަމަށެވެ.