ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އަޅަން ނިންމައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭއިރު އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން 30،000 ހައުސިން ޔުނިޓް ތަަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ފިޔަވަހިތަކަށް ބަހާލުމުގެ ބަދަލުގައި އެއްކޮން ކަމަށް ހައިދަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅުން ހިއްކުމުގެ މަޝްރޫއު މިހާރު ވަނީ ފަށާފައެވެ. ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އަށް މަސް ދުވަހަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއު ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެ ކަމަށާއި ފުށިދިއްގަރުފަޅުގައި ތަރައްގީކުރަނީ 'ކާބަން ފްރީ' ސިޓީ އެއް ކަމަށެވެ. އަދި އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށެވެ.