ލ. ދަނބިދޫ ސްކޫލްގެ ޓީޗަރުން ހަމަނުވުމުގެ އިތުރުން ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން އެ ރަށު ސްކޫލުގެ ބެލެނެވެރިން ނިކުމެ ސްކޫލު ބަންދުކޮށް އިހްތިޖާޖުކުރަން ފަށައިފިއެވެ.

ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވީ ދަނބިދޫ ސްކޫލުގެ ބެލެނެވެރިން އިހްތިޖާޖުކުރަމުން ދަނީ ސްކޫލުގައި ޓީޗަރުން މަދުވެ ބައެއް ޓީޗަރުން ހުރިހާ މާއްދާއެއް ކިޔަވައިދޭން ޖެހުމުން ކަމަށެވެ. އަދި ބައެއް ފަހަރު ކްލާސް ޓީޗަރު ހަތަރު، ފަސް މާއްދާ ކިޔަވައިދޭން ޖެހޭ އިރު، އެ ޓީޗަރު ބަލިވެއްޖެނަމަ ދެން ހުރިހާ މާއްދާއެއް އެ ދުވަހު ނުކިޔަވާ ތިބެންޖެހޭ ފަހަރުވެސް އަންނަކަމަށް ފަޒީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ރަށުގެ ސްކޫލުގެ އިމާރާތުގެ ފެންވަރު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ބެލެނެވެރިން ވަނީ ސްކޫލުގެ އިމާރާތް މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށްވެސް ގޮވާލާފައެވެ. "މައުލޫމާތު ލިބުނު ގޮތުން، ސްކޫލުގެ އިމާރާތް ހަލާކުވެ މިދޭތެރޭގަ ޕާޓްޝަނެއްވެސް ވެއްޓުނު. ސްކޫލުގެ ސީލިންގު ބޮލަށް ވެއްޓޭ ވަރަށް ވަނީ ހަލާކުވެފައި" ފަޒީލް ބުންޏެވެ.

ދަނބިދޫ ސްކޫލުގައި ހުރި މައްސަލަތަކާއެކު ސްކޫލުގެ ޕްރިންސިޕަލާ މެދު ހިތްހަމަނުޖެހިގެން ބެލެނެވެރިން ވަނީ ޕްރިންސިޕަލްގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. މިކަމާ ގުޅިގެން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބިފައި ނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ސްކޫލުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާ، އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މާދަމާ އެ ރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.