ދިވެހި ސަރުކާރުން ބާއްވާ ވިޔަފާރިއާ ގުޅޭ ފުރަތަމަ ފޯރަމް ޗައިނާގައި ބޭއްވުމުން ދައްކުވައިދެނީ ދެ ގައުމުގެ ސަރުކާރާ ވިޔަފާރިތަކުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 300 އަށް ވުރެ ގިނަ ވިޔަފާރިވެރިންނާއެކު އެ ގައުމުގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ އެންމެ ގާތް ތަރައްގީގެ ބައިވެރިޔާއަށް ވާނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށެވެ. އެ ގޮތުން މިއަދު ފެށިގެންދިޔަ ފޯރަމްގައި ދެ ގައުމުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާއިރު، އެކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދު އޮތް ހާރިޖީ ގުޅުން، ވިޔަފާރީގެ ދާއިރާގައި ވެސް އޮތްކަންކަމުގައި ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީކުރުމުގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެނީ ތިމާވެއްޓާ ރަހްމަތްތެރި ގޮތަތަކަށްކަމަށެވެ އެ ގޮތުން އީކޯ ފްރެންޑްލީ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއުގެ ތަފްސީލުތައް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އިއާދަކުރުވަނިވި ހަކަތައިގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. މި ފޯރަމުގައި ރައީސް ވަނީ އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގައި އިންވެސްޓުކުރެވޭނެކަމުގެ ޔަގީންކަން ފޯރަމުގައި ބައިވެރިވި ވިޔަފާރިތަކަށް ދެއްވާފައެވެ.