ރާއްޖޭގައި އިންވެސްޓުކުރާ ވިޔަފާރިތަކަށް، ވިޔަފާރިކުރަން ފަސޭހަ މާހައުލެއް ގާއިމު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމުން ދައްކުވައިދެނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާގެ ރައްޔިތުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. ޗައިނާ އާއި ރާއްޖޭގެ ސަރުކާރުން، ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި އޮތް އެއްބާރުލުން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމަށް އެ ގައުމުން ފަށާފައިވާ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'ގެ ސަބަބުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށް އޭގެ ރަނގަޅު އަސަރުކޮށްފައިވާކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ތެރެއިން ރާއްޖެއަށް ލިބުނު އެހީތެރިކަމާއެކު، މުވާސަލާތުގެ އައު ހަރުފަތަކަށް ރާއްޖެއަށް ވާސިލުވެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝާމިލުވުމާއި އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއިން އަމާޒު ހިފާފައިވަނީ ދެމެހެއްޓެނެވި ތަރައްގީއާއި ދިމާއަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ އަގްތިސާދީ އަމާޒުތައް ހާސިލުކޮށް 2028 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ދެގުނައަށް އިތުރުކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝާމިލުވުމާއި އެހީތެރިކަން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.