ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް އަލުން ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތައް ޗައިނާގެ ވިޔަފާރިތަކާ ހިއްސާކުރުމަށް ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި "އިންވެސްޓު މޯލްޑިވްސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ އަކީ ކޮވިޑް19 ގެ ކުރިން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމަށެވެ. އެހެންކަމުން މި މަގާމު އަލުން ހޯދުމަށް ގަދައަޅައި މަސައްކަތްކޮށް ދިނުމަށް ރައީސް ވަނީ ދެ ގައުުމުގެ [ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ފަރާތްތަކުގެ] ކިބައިންވެސް އެދިވަޑައިގެންފައެވެ.

ކޮވިޑް19ގެ ކުރިން ރާއްޖޭގެ އެއް ނަންބަރު މާކެޓުގެ ގޮތުގައި އޮތް ޗައިނާއިން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، މިދިޔަ އަހަރު ޖެނުއަރީގައި ރާއްޖެއަށް ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ. މި ގޮތުން މިދިޔަ އަހަރު އައިސްފައި ވަނީ 187،118 ފަތުރުވެރިންނެވެ.

މިއަދު ފެށި މި ފޯރަމުގައި 300 އަށްވުރެ ގިނަ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ސަރުކާރުން ބުނެފައިވާއިރު ރާއްޖޭގައި އެކި ސިނާއަތްތަކާއި ދާއިރާތަކުން އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު، ޗައިނާގެ ވިޔަފާރިވެރިތަކާ ދިވެހި ސަރުކާރުން ހިއްސާކުރާނެއެވެ.