ޓީވީ މޯލްޑިވްސް ގޯތިތެރޭގައި ހަދާފައިވާ ކެންޓީން އަމިއްލަ ތަކެތީގައި މަރާމާތުކޮށް، އެކުންފުނީގެ މުވައްޒަފުންނަށް އެކަށީގެންވާ އަގެއްގައި ކެއުމާއި ސައިގެ ކަންކަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިއުލާން ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެސްއެމް ގައި 380 މުވައްޒަފުން ތިބިއިރު ކެންޓީނެއް ހުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ޓީވީއެމް ގޯތިތެރޭގައި ކެންޓީނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމް އިން ބުނީ މިއީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލުއިފަސޭހަ ގޮތެއްގައި ޑިއުޓީގައި ހޭދަކުރާ ވަގުތުތަކުގައި ސަޔާއި ކެއުމުގެ ކަންތައް އެކަށީގެންވާ އަގެއްގައި ހަމަޖައްސައިދިނުން ކަމަށެވެ. މި ކެންޓީނުން ހިދުމަތް ލިބިގެންދާނީ ޕީއެސްއެމް މީޑީއާގެ މުވައްޒަފުންނާއި ކުންފުނިން ރިޓަޔާކޮށް ކުންފުނީގެ ރިޓަޔާމަންޓް ކާޑް ދެވިފައިވާ ފަރާތްތަކަށްކަމަށެވެ. އަދި ޕްރޮގްރާމްތަކަށާއި ރަސްމީ ކަންކަމުގައި މެހެމާނުންގެ ގޮތުގައި އެވަގުތަކަށް އަންނަންޖެހޭ ފަރާތްތަކާއި މުވައްޒަފުންގެ ޑިއުޓީ ގަޑީގައި މުވައްޒަފާއެކީ އަންނަ މުވައްޒަފުގެ އާއިލާ މީހުންނަށް ކަމަށެވެ.

ޕީއެސްއެމް އިން ކުރި އިއުލާނުގައި ބުނީ ކެންޓީން ސަރަހައްދުގެ ސައިޓް ދެއްކުން އޮންނާނީ ޖެނުއަރީ 11، 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ. ޕީއެސްއެމްއިން ބުނީ ކެންޓީން ހިންގުމަށް ހިދުމަތްދޭ ފަރާތުން ހިދުމަތް ދޭންފަށާ ތާރީހުން ފެށިގެން 5 އަހަރުގެ މުއްދަތަށް ދޫކުރެވޭނެކަމަށެވެ.