އަވަށްޓެރި އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް އައުމަށްޓަކައި ހަދާފައިވާ ގިނަ ބުކިންތައް ކެންސަލްކުރަން ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންގެ އެސޯސިއޭޝަން، މަޓާޓޯ އިން ސާވޭ އެއް ފަށައިފިއެވެ.

އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް އައުމަށްޓަކައި ހަދާފައިވާ ބުކިންތައް ކެންސަލްކުރަން ފަށާފައި ވަނީ ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ގޮވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޕޯސްޓެއް ރީޕޯސްޓުކޮށް، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީ އަށް ބޭއަދަބީކޮށް މުހާތަބުކޮށް ޕޯސްޓުކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދަށް ދެ ގައުމުގެ އާންމުން، ހާއްސަކޮށް އިންޑިއާ މީހުންގެ ނުރުހުން އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ މި ތިން ވަޒީރުން ސަސްޕެންޑުކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި އިންޑިއާގެ ބައެއް ނަން މަޝްހޫރު ފިލްމީތަރިން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، ލަކްޝަދީބަށް ޗުއްޓީ ހޭދަކުރުމަށް ދިއުމަށް ގޮވާލައިފައެވެ. އަދި އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ، ރާއްޖެ އަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލައި، އެ ގައުމުގެ ޓުއާ އޮޕަރޭޓަރުން ރާއްޖެ ބޯއިކޮޓްކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.

އެހެންކަމުން މަޓާޓޯ އިން ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ހިއްސާދާރުންނާއި، ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނުން މި ސާވޭގައި ބައިވެރިވުމަށް އެދި ދައުވަތުދީފައެވެ. މި ސާވޭގައި ބައިވެރިވުމަށް އެދި ކުރި އިއުލާނުގައި އެ އެސޯސިއޭޝަނުން ބުނީ، މި ސާވޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު އޮތް ހާލަތު ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ.

މަޓާޓޯގެ ސާވޭގައި ހިމެނޭ ބައިތައް:

  1. ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަނުގެ މައުލޫމާތު
  2. މިދިޔަ 24 ގަޑިއިރު ކެންސަލްކުރި ބުކިންތަކުގެ ތަފާސްހިސާބުތަކާއި އާންމުކޮށް ކެންސަލްކުރާ ބުކިންތަކާއި މިދިޔަ 24 ގަޑިއިރު ކެންސަލްކުރި ބުކިންތަކުގެ ޕަސެންޓޭޖު
  3. ބުކިން ކެންސަލްކުރި ސަބަބު
  4. ބުކިން ކެންސަލްކުރުމުން ކުރިމަތިވި ގެއްލުމާއި އެ ގެއްލުން ފޫބެއްދުމަށް ކުރި މަސައްކަތް
  5. މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ އަސަރާއި ބުކިންތައް ކެންސަލްކުރުން މަދުކުރުމަށްޓަކައި ރާވާފައިވާ ކަންކަން
  6. މާކެޓިން އަށް މިކަމާ ގުޅިގެން ގެނައި ބަދަލުތައް
  7. މަޓާޓޯ އާއި ފަތުރުވެރިކަމުގެ ހިއްސާދާރުންނަށް މިކަމާ ގުޅިގެން އަރުވަން ބޭނުންވާ ލަފައެއް ނުވަތަ ހިޔާލެއް

މަޓާޓޯ އިން އެދެނީ މި ބައިތައް ފުރިހަމަކުރުމަށް ފަހު، ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނުން އެ އެސޯސިއޭޝަނަށް މެއިލްކުރުމަށް އެދިފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑު ކުރިއެރުމެއް އައިސް، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައެވެ. އޭގެ ތެރެއިން ނިމިދިޔަ ތިން އަހަރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ އަވަށްޓެރި އިންޑިއާއިންނެވެ. މިދިޔަ އަހަރު އެކަނި ވެސް އެ ގައުމުން ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވެއެވެ.