އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ބޭނުންވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވާ އެންމެންގެ ބަދަލުގައި އެ ގައުމުގެ ސަރުކާރުގެ ވެރިން ރާއްޖެ އެތެރެވުން މަނާކުރުމަށް ކަމަށް، ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މަޓާޓޯ ހާޒިރުކުރީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ހިޔާލު ހޯދުމަށެވެ. އިއްޔެ ކޮމިޓީއަށް ހާޒިރުކުރި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ، އެ ޖަމިއްޔާއިން ބޭނުންވަނީ އިޒްރޭލުގެ ސަރުކާރުގެ ވެރިން ރާއްޖެ އެތެރެވުން މަނާކުރަން އެކަނި ކަމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، އެ ޖަމިއްޔާ އިން މިފަދަ ކަންކަމުގައި ގޮތެއް ނިންމަނީ ދިރާސާކުރުމަށް ފަހު ކަމަށާއި، ލިބުނު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދިރާސާ އެއް ކުރެވިފައި ނުވާ ކަމަށެވެ.
"ދެން އަޅުގަނޑުމެން ބޮޑަށް މި ބަރޯސާވާން ޖެހެނީ އަޅުގަނޑުމެންގެ މެންބަރުންނާއި އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ކައުންޓަޕާޓްސް އާ ވާހަކަދައްކައިގެން އެ ބޭފުޅުންގެ ވިސްނުން ހުރީ ކިހިނެއްތޯ ބަލަން،" ގިޔާސް ވިދާޅުވިއެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމުތަކާ ގުޅިގެން ގިޔާސް ވިދާޅުވީ އުސޫލެއްގެ ދަށުން އިޒްރޭލުގެ ޕާސްޕޯޓު އެއްކޮށް މަނާކުރަން މަޓާޓޯއިން ތާއީދުކުރާ ކަމަށެވެ. އެކަމަކު ވެސް އެންމެ ރަނގަޅުގޮތަކީ ވަކިބަޔަކު މަނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިޒްރޭލުން ރާއްޖެ އަންނަނީ މަދު ފަތުރުވެރިންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގިޔާސް އިތުރަށް ވިދާޅުވީ، ދެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ތިބޭ ކަމަށާއި، އެގޮތުން އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުންގެ ތެރޭގައި ރަޝިއާގެ މީހުންނާއި ފަލަސްތީނުގެ މީހުން ވެސް ހިމެނޭ ކަމަށެވެ. މީގެ ކުރިން އެމެރިކާގެ ކޮންގްރެސްގައި މި މައްސަލައިގައި ރާއްޖެއަށް ދޭ އެހީ ކަނޑާލަން ގޮވާލި މައްސަލަ ފާހަގަކުރައްވައި ގިޔާސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން މިފަދަ އެހެނިހެން ކަންކަމާ މެދު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.