ސަރުކާރުން މާލީ ސިޔާސަތުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ)އިން ތާއީދުކޮށްފިއެވެ.

މިކަމާއި ގުޅިގެން މަޓާޓޯ އިން ނެރުނު ބްޔާނުގައި ވަނީ ޖީއެސްޓީއަށް ގެންނަން މަޝްވަރާކުރެވޭ ބަދަލުތަކާ މާލީ ސިޔާސަތުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ދެކޭ ގޮތް ހިއްސާކޮށްފައެވެ.

މަޓާޓޯއިން ޑޮލަރުން ޓެކްސް ނެގުމަށް ތާއީދު:

މަޓާޓޯގެ ބަޔާނުގައި ބުނެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅޭ ގޮތުން ދާދި ފަހުން ދެކެވުނު ވާހަކަތަކާއިމެދު މަޓާޓޯއިން ބޭނުންވާގޮތް ސާފުކޮށްދޭން ބޭނުންވާކަމަށެވެ. އެގޮތުން، ޑޮލަރުން ޓެކްސް ނެގުމާއި، އެއްވެސް ވަރަކަށް ދެކޮޅު ނޫންކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ މިކަމުގައި މައިގަނޑު އަމާޒަކީ މި އިސްލާހުތައް ތަންފީޒުކުރެވިގެން ދާއިރު އެއީ ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުން ކަމަށެވެ. އަދި ޑޮލަރުން ލިބޭ އާމްދަނީއިން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މިއީ އިގްތިސާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ގަބޫލުކުރާކަމަށެވެ.

މާލީ ސިޔާސަތުތަކަށް އިސްލާހު ގެނައުން - ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް:

މަޓާޓޯއިން ބުނީ ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމުކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލު ގެނެވޭނެފަދަ އިސްލާހްތަކެއް ގެނައުމުގެ މުހިންމު ކަމަށެވެ. އަދި ޒަމާނުއްސުރެ ބޭނުންވެފައިވާ މި އިސްލާހުތަކަށް މިވަގުތަކީ ވަރަށް މުހިންމު ވަގުތެއް ކަމުން، ސަރުކާރުގެ މާލީ މަގްސަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް މަޓާޓޯ އިން ވަނީ ބުނެފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތު ހިމާޔަތްކޮށް، ރާއްޖޭގެ އިގްތިސާދަށް ފައިދާކުރާނެ ގޮތަކަށް ޖީއެސްޓީ ނެގުމުގެ ސިޔާސަތުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް މަޓާޓޯއިން އަބަދުވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި މުހިއްމު ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެއްބާރުލުން ދެމިއޮންނާނެ ކަމަށް އުންމީދުކުރާކަމަށް މަޓާޓޯ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން މަޓާޓޯއިން ވަނީ ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ދުރު ވިސްނުންފުޅަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަރަދުކުޑަކޮށް، ހަރަދުތައް ސަލާމަތްކުރުމަށްޓަކައި ފިޔަވަޅުތައް ތައާރަފްކުރުމުގެ މަގްސަދުގައި، ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާހުކުރުމުގެ އެޖެންޑާއެއް ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާއިދުކުރާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތާއި، މުޅި ގައުމުގެ ކުރިއެރުވުމަށްޓަކައި، ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މަޓާޓޯއިން ވަނީ ދީފައެވެ.