ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޕޯ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2024ގެ އޯގަނައިޒާސް ކަމަށްވާ އާރްއެކްސް ގްލޯބަލް އާއި މަޓާޓޯއިން ރަސްމީކޮށް ޕާޓްނަޝިޕް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާ މުހިއްމު ތަރައްގީއެއް ކަމަށެވެ. އަދި މީގެން ދޭހަކޮށްދެނީ މިފަދަ މުހިއްމު ދައުރެއް އަދާކުރުމަށް މަޓާޓޯއަށް ދޭ އިތުބާރާއި ދިވެހިރާއްޖޭގެ ފަތުރުކަމުގެ ދާއިރާގައި މިފަދަ މަގާމެއް ލިބުމަށް މަޓާޓޯގެ މަސައްކަތުގެ މުހިއްމު ކަން ކަމަށެވެ.

މިއީ މަޓާޓޯ އާއި ޑަބްލިއުޓީއެމް އާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މި ދެ ފަރާތުގެ ގުޅުން ފެށިފައި ވަނީ 2016 ވަނަ އަހަރުގައި ހަމަ މިފަދަ އެއްބަސްވުމަކާއެކު އެ އަހަރުގެ އިވެންޓްގައި ވެސް ޕާޓްނާ ވެގެންނެވެ.

މި ޕާޓްނާޝިޕާ ބެހޭގޮތުން ވާހަކަ ދައްކަމުން މަޓާޓޯގެ ސީއީއޯ ވިދާޅުވީ، މިއީ މަޓާޓޯއަށް އަދި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް ވެސް ވަރަށް ހާއްސަ ލަނޑުދަނޑިއެއް ކަމަށެވެ. ޑަބްލިއުޓީއެމް ލަންޑަންއާއެކު ހެދި އެއްބަސްވުމުން ޔަގީންކޮށް ދެނީ ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ވިދުވަރު އަލިގަދަކޮށް ދެމެހެއްޓުމަށް މަޓާޓޯއިން ކުރަމުންދާ ހިތްވަރު ކަމަށެވެ. މިކަމުގެ ސަބަބުން މަޓާޓޯގެ މެންބަރުންނާއި ސްޓޭކްހޯލްޑަރުންނަށް ގުޅުންހުރި ފަރާތްތަކާއި ބައްދަލުވެ، މަޝްވަރާކޮށް އެކުގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔެއިން ދިވެހިރާއްޖެ އަކީ އެންމެ ވަރުގަދަ އެއް ލަގްޒަރީ މަންޒިލްކަމުގައި އަދިވެސް ބަލައިގަންނަމުންދާ އިރު، މި އެއްބަސްވުމުގައި ސޮއިކޮށްފައި ވެސް މިވަނީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަ ކުރެއެވެ. އެގޮތުން މި ދަންޑީވަޅަކީ ދިވެހިރާއްޖެއިން ތަފާތު އެތައް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކެއް ދެއްކުމަށް ރާވާފައިވާ ދަނޑިވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެންމެ މަތީ ފަންތީގެ ރިސޯޓްތަކުން ފެށިގެންގޮސް ގެސްޓްހައުސްތަކާއި އީކޯ ޓޫރިޒަމް އަދި ސަގާފީ ދެއްކުންތައް މީގައި ހިމެނޭނެއެވެ.

އިވެންޓަށް ދެން ބާކީ ދޮޅުމަހެއްހާ ދުވަސްބާކީ އޮތްއިރު މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ތިބީ ޑަބްލިއުޓީއެމް 2024ގައި ދިވެހިރާއްޖެ ބައިވެރިވާނެކަމުގެ އިންތިޒާރުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މި އެކްޕޯގައި ރާއްޖެއިން ތައްޔާރުކޮށްފައިވާ ތަފަާޓު އެތައް ފަތުރުވެރިކަމުގެ ޕްރޮޑަކްތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޑަބްލިއުޓީއެމް 2024 ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހު 5 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް އެލަންޑަންގައެވެ. އަދި މިތަނަށް ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 51000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.